ޔޫކްރައިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ކޮމަރޝަލް ފްލައިޓަކަށް އީރާނު އަސްކަރިއްޔާއިން ހަމަލާދީ، އެ ބޯޓު ވައްޓާލި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް މާލީ ބަދަލު ދިނުމަށް އީރާނުން ނިންމައިފި އެވެ.
އޮޅުމެއްގެ ތެރެއިން ހިނގި ކަމަށް ބުނާ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، މާލީ ބަދަލެއްގެ ގޮތުގައި އެއްލައްކަ ފަންސާސްހާސް ޑޮލަރު ދިނުމަށް އީރާނުން ވަނީ ނިންމާފަ އެވެ.
އީރާނާއި ޒަމާންވީ ހަތުރު، އެމެރިކާއާއި ދެމެދު އިންތިހާއަށް މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮއްވާ، ޔޫކްރައިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ކޮމަރޝަލް ފްލައިޓެއް އީރާނުގެ ވައިގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުން އެ ބޯޓަށް ހަމަލާދީ، ވައްޓާލީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި ކަމަށް ބަދަލު ހޯދުމަށާ، ހަމަލާގެ ފަހަތުގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ޔޫކްރައިންއިން ދަނީ ޑިމާންޑް ކުރަމުން ނެވެ.
އީރާނުން ބުނަމުން ދަނީ މި ހާދިސާއަކީ އޮޅުމެއްގެ ތެރެއިން ހިނގި ހާދިސާއެއް ކަމަށް ބުނަމުން. ކޮމާޝަލް ފްލައިޓަކަށް ހަމަލާ ދެވުނީ، އީރާނުގެ އަސްކަރިއްޔާއަށް އޮޅުމެއް އަރައިގެން ހެދުނު ގޯހަކުން ކަމަށްވެސް އީރާނުން ވަނީ އިއުތިރާފުވެފަ އެވެ.
އީރާނުގެ ވެރިރަށް ތެހެރާނުން އުދުއްސާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 2 މިސައިލް ހަމަލާއެއް ދީ، ބޯޓު ވައްޓާލި ހާދިސާގައި އީރާނުގެ 82 މީހަކާއި، ކެނެޑާގެ 63 މީހެއްގެ އިތުރުން އަފްޣާނިސްތާނުގެ 4 މީހަކާއި، އިނގިރޭސިންގެ 4 މީހަކާއި ޖަރުމަނުވިލާތުގެ 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން 9 ކުރޫ މެމްބަރުންނާއެކު ޔޫކްރައިންގެ 11 މީހެއްގެ ފުރާނަވެސް މި ހާދިސާގައި ވަނީ ގެއްލިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް