ް ގޯސް އަޚުލާޤުގެ ސަބަބުން ޢަމަލުތައް ފާޞިދުވެއެވެ

އިސްލާމްދީނަކީ ރިވެތި އަޚުލާޤަށް ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ދީނެކެވެ. އެގޮތުން ރަސޫލު ބޭކަލުން ފޮނުއްވުނު މައިގަނޑު 2 މަޤުޞަދުގެ ތެރެއިން އެއް ކަމަކީ ނަފުސުތަކުގައި ރިވެތި އަޚުލާޤު އަށަގެ...

01 Jan 2021 | 05:21

އިސްލާމްދީނަކީ ރިވެތި އަޚުލާޤަށް ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ދީނެކެވެ. އެގޮތުން ރަސޫލު ބޭކަލުން ފޮނުއްވުނު މައިގަނޑު 2 މަޤުޞަދުގެ ތެރެއިން އެއް ކަމަކީ ނަފުސުތަކުގައި ރިވެތި އަޚުލާޤު އަށަގެންނެވުން ކަމަށް އައިސްފައި އޮވެއެވެ. މިކަމުންވެސް އިސްލާމްދީނުގައި ރިވެތި އަޚުލާޤަށް ދެއްވާފައިވާ އަޙައްމިއްޔަތުކަން އަހަރެމެންނަށް ހާމަވެގެންދެއެވެ.

ރިވެތި އަޚުލާޤަކީވެސް އަޅުކަމެކެވެ. އަހަރެމެން ހެޔޮ ނިޔަތުގައި ސަވާބު ހޯދުމުގެ ނިޔަތުގައި ކުރާ ކޮންމެ ކަމަކީވެސް އަޅުކަމެކެވެ. އަޅުކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އަހަރެމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ކަންތައްތައް ކުރުން އެކަންޏެއްނޫނެވެ. ފަރުޟުކުރައްވާފައިވާ ކަންތައްތަކުގެ އިތުރުން އަހަރެމެންގެ ކިބާގައި ރިވެތި އަޚުލާޤު އަށަގަންނުވަން އެބަޖެހެއެވެ.

ރިވެތި އަޚުލާޤަކީ މަގުމަތިން ފެންނަ ބުޅާފަދަ ޖަނަވާރަށް ގޯނާ ނުކުރުމެވެ. ރިވެތި އަޚުލާޤަކީ މަގުމަތީގައި ހިނގާފައިދާއިރު މީހުންނަށް އުނދަގޫވާނެހެން ހުންނަ އެއްޗެހި އެއްފަރާތްކޮށްލަދިނުމެވެ. ރިވެރި އަޚުލާޤަކީ މަގުމަތީން ދާހާ މީހަކާ ނުފޮށެމެވެ. އެހީއަށް އެދިގެން އަންނަ މީހަކަށް ވެވެން އޮތް މިންވަރަކުން އެހީވުމެވެ. އަވަށްޓެރިންނަށް އުނދަގުވާނެހެން ކަންތައްތައް ނުކުރުމެވެ. މަގުމަތީގައި ކިއޫގައި ޖެހުމުން ދެންތިބި އެންމެންގެ ކަންފަތްތައް ފަޅައިގެންދާ ވަރަށް ބަރުގޮނު އެޅުމެއް ނޫނެވެ. މިހެން ގޮސް ރިވެތި އަޚުލާޤުގެ ތެރޭގައި ހިމެނޭނެ އެތަށް ކަމެއް ކިޔިދާނެއެވެ. ނަމަވެސް ސުވާލަކީ އަހަރެމެންނަށް ރިވެތި އަޚުލާޤު އަށަގަންނުވަން މަސައްކަތް ކުރެވޭތޯއެވެ.

އަހަރެމެންގެ މާތް ނަބިއްޔާވަނި ރިވެތި އަޚުލާޤުން މީސްތަކުންނަށް މިސާލު ދައްކަވާފައެވެ. އެގޮތުން އަޚުލާޤުގެ މާތްކަން ބަޔާންކުރައްވާ ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ."  رواه البخاري

އަދިވެސް އިބްނުލް ޤައްޔިމު ރަޙިމަހު الله ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މުޅި ދީނަކީ އަޚްލާޤެވެ. ފަހެ އަޚްލާޤުގައި ތިބާއަށްވުރެ ކުރި ހޯދައިފިމީހާ ހަމަކަށަވަރުން އެމީހާ ތިބާގެ މައްޗަށް ދީނުގައި ކުރި ހޯދައިފިއެވެ."  مدارج السالكين: ٢٩٤/٢

މި ބަސްފުޅުން ހާމަވެގެންދަނީ އިސްލާމްދީނުގައި ރިވެތި އަޚުލާޤުގެ މާތްކަމާއި މަތިވެރިކަމެވެ.

އަދިވެސް ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތޔަބައިމީހުންގެތެރެއިންވާ އެންމެހެޔޮކަންބޮޑުމީހުންނަކީ ތޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހުންނެވެ."   رواه البخاري

"ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ އަދި ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." رواه الترمذي

ޙަދީޘްގައި އެ ވަނީ އަހަރެމެންގެ މާތް ނަބިއްޔާ އެންމެ ލޯބިފުޅުވާ މީހުންގެތެރެއިން ވެވެން އޮތް ގޮތެކެވެ. އަދި އެކަލޭގެފާނުގެ އެންމެ އަރިހުގައި ޤިޔާމަތްދުވަހު މަޖިލީސްކުރެވެން އޮތް ގެކެވެ. އަހަރެމެންގެ ތެރެއިން މިކަން ޙާޞިލުކުރަން ބޭނުންނުވާނީ ފަހެ ކާކު ހެއްޔެވެ. ރިވެތި އަޚުލާޤުގެ މާތްކަމާއެވެ.

އަދިވެސް އައިސްފައިވެއެވެ.

"ޤިޔާމަތްދުވަހުގައި މުޢުމިނާގެ ތިލަފަތުގައި ރިވެތި އަޚުލާޤަށްވުރެ ބަރުވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ." رواه الترمذي

އަހަރެމެން ދުނިޔެއަށް ފޮނުއްވުނު އެންމެ ބޮޑު އެއް ބޭނުމަކީ އަހަރެމެން ހެއްދެވި ފަރާތައް އަޅުކަން ކުރުމަށް ކަމުގައިވާއިރު ރިވެތި އަޚުލާޤެއް ނެތުމުގެ ސަބަބުން ސުވަރުގެ ދެވުމަށް އެޅޭ ހުރަހެއް އޮންނަކަން މި ބަސްފުޅުން ހާމަވެއްޖެވެ.

އަދިވެސް އައިސްފައިވެއެވެ.

"މުޢުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ އެންމެ އަޚުލާޤު ރަނގަޅު މީހުންނެވެ." رواه الترمذي

"ސުރުކާހުތުގެ ސަބަބުން މާމުއި ފާސިދުވާފަދައިން ގޯސް އަޚުލާޤުގެ ސަބަބުން ޢަމަލުތައް ފާޞިދުވެއެވެ." سلسلة الصحيحة للألباني906

ސުރުކާހުތަކީ ހުތް އެއްޗެކެވެ. އަދި މާމުތަކީ ފޮނި އެއްޗެކެވެ. މިސާލާމެދު ވިސްނާ ފިކުރުކޮށްލަމާ ހިނގާށެވެ.

އައު އަހަރަކަށް މިއަދުގެ އިރު އެރިއިރުގައި, އެންމެންވެސް އައު އުންމީދުތަކެއް ކުރާނެކަން ޔަޤީނެވެ. އެގޮތުން އެއް އުންމީދަކަށް ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތްކުރުން ކިހިނެއްތޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް