ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު މޫސުން ގޯސް

ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ. މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް މިއަދުގެ އެކި ވަ...

01 Jan 2021 | 04:22

ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް މިއަދުގެ އެކި ވަގުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ތައް ނެރެފައިވަނީ މިއަދު ފަތުހު 4:30 ން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށް އެކިވަގުތުތަަކުގައި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކަށް ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އާންމު ގޮތެއްގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ދެކުނަށް މޫސުން ގޯސް ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެކަމަކު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަށް ގަދަވާނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް