2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކާއި އަޅާބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މަދުކަން ފާހަގަކުރެވޭކަމުގައި ފުލުހުން ބުނެފި އެވެ.
އެގޮތުން 2015 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 13729 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ 2016 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 13568 މައްސަލައެއް ހުށަހެޅިފައިވާކަމުގައި ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނެފައިވަނީ މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާލާއިރު މާރާމާރީއާއި ވައްކަމާއި ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި މުދަލަށް ގެއްލުންދިނުމާއި ހިޔާނާތުގެ މައްސަލަތައް ހުށަހެޅުނު ޢަދަދު މަދުކަން ފާހަގަކުރެވޭ ކަމަށެވެ.
ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މާރާމާރީގެ 778 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރު ހުށަހެޅިފައިވަނީ 932 މައްސަލަ ކަމަށާއި ވައްކަމުގެ 3994 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 3616 މައްސަލަ ކަމަށާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ބަލާލާއިރު މިދިޔަ އަހަރު 466 މައްސަލައެއް ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރުގެ މިފަދަ 534 މައްސަލައެއް ހުށަހެޅިފައިވާކަމުގައި ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 341 މައްސަލައެއް ވަނީ ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 304 މައްސަލަ ކަމަށާއި މުދަލަށް ގެއްލުން ދިނުމުގެ 535 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 356 މައްސަލަ ކަމަށާއި އަދި ހިޔާނާތުގެ މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 743 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 521 މައްސަލަ ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ 2015 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔައަހަރު ފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޓްރެފިކް މައްސަލަތަކާއި ކައުންޓަރފީޓް އަދި ފޯޖަރީގެ މައްސަލަތަކާއި ޗެކް ބައުންސްގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ތަކެތީގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ފޭރުމުގެ 545 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 716 މައްސަލަ ކަމަށާއި މަސްތުވާތަކެތީގެ 2079 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު 2016 ވަނަ އަހަރު ހުށަހެޅިފައިވަނީ 2378 މައްސަލަ ކަމަށާއި ޓްރެފިކް މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 2044 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 2242 މައްސަލަ ކަމަށާއި ކައުންޓަރފިޓް އަދި ފޯޖަރީގެ 91 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 97 މައްސަލައެއް ވަނީ ހުށަހެޅިފައިވާކަމަށާއި އަދި 2015 ވަނަ އަހަރު ޗެކް ބައުންސްގެ 179 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ޗެކް ބައުންސްގެ 265 މައްސަލައެއް ހުށަހެޅިފައިވާކަމަށާއި ގެއްލިގެން ހުށަހެޅޭ ތަކެތީގެ 1721 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވަނީ 1829 މައްސަލަ ކަމުގައި ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް