މަސްތުވާ ތަކެއްޗާއި ބަނގުރަލާއެކު ފަޅު ރަށަކުން 19 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް ތަކެއްޗާއި ބަނގުރަލާއެކު އދ. ރަށްދިއްގާއިން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 1...

01 Jan 2015 | 16:23

މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް ތަކެއްޗާއި ބަނގުރަލާއެކު އދ. ރަށްދިއްގާއިން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރާއި 27 އަހަރާ ދެމެދު ޢުމުރުފުރާގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އދ. ރަށްދިއްގާގައި ގިނަ ޢަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭ ދަންވަރު 01:30 ހާއިރު ކަމަށެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ފެނިފައިވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓު އަމުރެއްގެ ދަށުން އެރަށް ބަލައި ފާސްކުރިއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

އެ ރަށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި  ބުލެޓް ސައިޒްގެ 3 ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 8 ސެލޯފިން ކޮޅާއި މަސްތުވާތަކެތި އެއްކޮށްފައިހުރި ކަމަށް ބެލެވޭ ސުއްޓާއަކާއި މަސްތުވާތަކެތި އެއްކޮށްފައި ހުރިކަމަށް ބެލެވޭ ދުންފަތް ޕެކެޓަކާއި ބޭނުންކޮށްފައި ހުރި ދެ ފުޅި ބަނގުރަލާއި ނުކަނޑާހުރި 7 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 19 މީހުންގެ ކުޑަކަމުދާ ތަކެތި ނަގައި މަލްޓި ޑްރަގް ޓެސްޓް ކަޕް ބޭނުންކޮށްގެން ޓެސްޓް ކުރުމުން އެ މީހުންގެ ތެރއިން ތެރެއިން 15 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ THC އަދި MET އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންުދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އަރިއަތޮޅު ދެކުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން 3 މީހަކަށް 15 ދުވަސް، 13 މީހަކަށް 10 ދުވަސް ދީފައިވާއިރު 3 މީހަކަށް 05 ދުވަސް ވަނީ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް