ވަގެކޭ ގޮވަމުން މާލޭގެ އެއް ފެނުން އަނެއް ފެނަށް ދުވި އިރު އެހީވާނެ މީހަކު ނުވި!

މަޖީދީމަގުން ސައިކަލުގައި ދަނިކޮށް މީހުން މާ ގިނަވެގެން އުޅޭތީ ސައިކަލު ޕާކުކޮށް ބޯ ދިއްކޮށްލީމެވެ. އުމުރުން ދުވަސްވީ މީހަކު މީހެއްގެ ގައިގާ ހިފަހައްޓައިގެން ހުރެ ހަޅޭއް ލަވަނީއެވެ. "ކަލޭމެން ދެމީހުން...

01 Jan 2015 | 08:57

މަޖީދީމަގުން ސައިކަލުގައި ދަނިކޮށް މީހުން މާ ގިނަވެގެން އުޅޭތީ ސައިކަލު ޕާކުކޮށް ބޯ ދިއްކޮށްލީމެވެ. އުމުރުން ދުވަސްވީ މީހަކު މީހެއްގެ ގައިގާ ހިފަހައްޓައިގެން ހުރެ ހަޅޭއް ލަވަނީއެވެ. "ކަލޭމެން ދެމީހުން އެކުގަ ފިހާރައަށް ވަނީ، ދެމީހުން އެކުގަ ފިލަން ދުވީ، ދުވެ ފިލި މީހާ އެއީ ކާކުކަން ކަލެއަށްވެސް އެނގޭނެ" އެ މީހާ ކިޔަމުން ދިޔައެވެ.

ވެގެން މިއުޅޭ ގޮތެއް ސާފުވީ ދެނެވެ. އެ މީހާއަކީ ރެޑްވޭވް ޕްލާޒާ ފިހާރައިގާ ވަޒީފާ އަދާކުރަމުން އަންނަ ޒަކަރިއްޔާ މުހައްމަދެވެ.  ޒަކަރިއްޔާއަށް ފެނުނީ މަސް ކޭހެއް ހިފައިގެން ދެމީހަކު ނިކުތްތަނެވެ. ބަލާކަށްނުހުރެ ޒަކަރިއްޔާ އެމީހުންގެ ފަހަތުން ދުއްވައިގަތެވެ. "ވަގެކޭ ވަގެކޭ" ކިޔާ ކަރު އޮތް މިނަކަށް ހަޅޭއް ލަވަމުންނެވެ. މަގުމަތީގައި މީހުން ގިނަ ވަގުތެކެވެ. އެހެން ނަމަވެސް އެހީއެއް ވާނެ ހަމަ އެކަކުވެސް ނުވި ކަމަށް ޒަކަރިއްޔާ ބުންޏެވެ.

"މަސް ކޭސް ހިފައިގެން ފިހާރަ ދޮރުން އެ ދެމީހުން ނިކުތްތަން ފެނުނީ، ކައުންޓަރު ތިބި ކުދިން ގާތު އެހުމުން ބުނީ ނުވިއްކަމޭ، ދެން ދުއްވައިގަތީ، މަގުމަތީގަ މީހުން އޮތް ބައިވަރު، އެއް ބަޔަކު ބެލީ ފޮޓޯ ނެގޭތޯ، އަނެއް ބަޔަކު ބަލަން ތިބީ" ބ. އޭދަފުށި، ފަޒާ، ޒަކަރިއްޔާ މުހައްމަދު ދުވަހަށް ކިޔައިދެމުން ބުންޏެވެ.

ކޮންމެއަކަސް އެ ބޭބެގެ އެކަނި މަސައްކަތުން އެ ދެމީހުންގެ ފަހަތުން ދުވެ ގޮސް މަޖީދީ މަގާ ހަމައިން ދެމީހުން އަތުލައިގަތެވެ. ނަމަވެސް މަސް ކޭސް އެއްލާލާފައި އެކަކު ފިލީއެވެ. ފަހުން ފުލުހުން އައިސް އަތުލައިގަނެވުނު އަނެއް މީހާ ބިޑި އަޅުވައިގެން ގެންދިޔައީއެވެ.

މިއީ ރޯމާ ދުވާލު، އެތައް ބަޔަކު ކުރިމަތީގައި މިއަދު ހިނގާ ދިޔަ ހާދިސާއެކެވެ. މި ފަދަ އެތައް ހާދިސާއެއް މި މާލޭގައި މި ރާއްޖޭގައި ހިނގަމުން ދެއެވެ. ހިތާމައަކީ އެ ބޭބެ އެ ބުނި ފަދަ ފޮޓޯ ނަގާ މީހުންނާއި ކުޅި ބަލަން ތިބޭ މީހުން ގިނަ ކަމެވެ. މިކަންކަމާމެދު އަޅުގަނޑުމެން ދިވެހިން ވިސްނާލަން އެބަ ޖެހެއެވެ. ފަރުދީ ޒިންމާއެއް ކަމުގައި ދެކެގެން މިފަދަ ހާލަތުގައި އަނެކާއަށް އެހީތެރިވާން އެބަ ޖެހެއެވެ. ރަނގަޅު މުޖުތަމައެއް ބިނާ ކުރެވޭނީ އޭރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް