ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ފަށައިފި

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް މިއަދު ފަށައިފި އެވެ. އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމ...

21 Sep 2021 | 04:49

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް މިއަދު ފަށައިފި އެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އެވެ.

ފުށިދިއްގަރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައި އޮތީ ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށެވެ. އެއީ ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ނެޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ނޮވެމްބަރު 29، 2011 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމަވައިގެން ނެވެ.

އެދުވަހުގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ތެރެއިން ބިމު ކުލި ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް ޖިހާދު ވަނީ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ޚިލާފަށް އަމަލު ކުރައްވާފަ އެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި 25 ޕަސަންޓް ދައުލަތުގެ ހިއްސާ އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޖިހާދު ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ. އެއީ ޖެނުއަރީ 13، 2013 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް