އެއް ރުފިޔާއަށް ވިއްކާވަރުގެ ކަޓުލަހެއް ފަސް ރުފިޔާއަށް !
ދާދި މިދާކަށްދުވަހު އާއިލާއާއެކު ރަސްރަނި ބަގީޗާއަށް ގޮސްފައި ފިނި ބުއިމެއް ބޯލަން އެ ސަރަހައްދުގައި ހުރި އެފަދަ ތާކަށް ވަނީމެވެ. ހެދިކާ އާއި ފިނި ބުއިން ހިޔާރު ކުރަމުންދިޔަ އިރު ލޮލުގައި އަޅައިގަތީ ހާމައަށް ހުރި އަގުލިސްޓެވެ.
ބަޖިޔާ – ހަ ރުފިޔާ ( ހަމަ އާދައިގެ ސައިޒު)
ޕެޓީސް – ހަ ރުފިޔާ ( ހަމަ އާދައިގެ ސައިޒު)
ރޯލްސް – ހަ ރުފިޔާ ( ހަމަ އާދައިގެ ސައިޒު)
ބިސް ކަޓްލަޓްސް – ހަ ރުފިޔާ (ހަމަ އާދައިގެ ސައިޒު، އާދައިގެ ރަހަ)
ކަޓްލަޓްސް – ފަސް ރުފިޔާ (ހަމަ އާދައިގެ ސައިޒު، އާދައިގެ ރަހަ)
ބްލޫބެރީ މަފިން – 20 ރުފިޔާ
ކަރީ ޗިކަން – 25 ރުފިޔާ
ޓޫނާ ބަން – 25 ރުފިޔާ
ޓޫނާ ސޭންޑްވިޗް (ސޭންޑްވިޗެއްގެ އެއްފަޅި) ޓޯސްޓްކޮށްފައި – 25 ރުފިޔާ
ސީނި ބަން – 20 ރުފިޔާ
ސޮސެޖް ރޯލް – 20 ރުފިޔާ
ޕިއްޒާ ސްލައިސް – 20 ރުފިޔާ
ޗިކަން ސްލައިޑާ – 60 ރުފިޔާ
ބީފް ސްލައިޑާ – 60 ރުފިޔާ
ނަގެޓްސް – 50 ރުފިޔާ
ކޮންމެއަކަސް މިހާ އަގު ފަލައިއްޔާ ތަފާތެއް ހުންނާނެކަމަށް ހިތާ ހިތުން ބުނެ ކަޓްލެޓަކާއި އަދިވެސް ދެތިން ހެދިކާއެއްގެ އިތުރުން އައިސްކްރީމެއް ނަގައިގެން ގޮސް އިންސާފުކުރަން ފަށައިފީމެވެ. ކަޓްލެޓުގެ ސައިޒު، ހަމަ އާދައިގެ ސައިޒެވެ. ރަހަ ވަކި ތަފާތެއް ނެތެވެ. އެހެންވިއްޔާ މިހާ އަގު ބޮޑު މިވީ ކީއްވެބާއޭ މިއީ ހަމަ ހިތަށް އެރި ސުވާލެކެވެ.
ޝޯކޭސް އިތުރަށް ބަލާލައި އަގުލިސްޓާ އަޅާ ކިޔާލުމަށް އަލުން ކައުންޓަރު ކައިރިއަށް ޖެހިލީމެވެ. ފްރެންޗް ފްރައިސްގެ 10 ޕީސް ހިމެނޭ ކުޑަ ތައްޓެއް ހުރީ 50 ރުފިޔާ އަށެވެ. ނުތެއްލާ ހުންނަ ފްރެންޗް ފްރައިސް ބޮޑު ޕެކެޓެއް ކަންމަތީ ފިހާރަތަކުން އެންމެ ތިރީހަކަށް ރުފިޔާއަށް ލިބެއެވެ. އޭގެ ޕެކެޓެއްގައި 200 އެއްހާ ޕީސް އޮވެއެވެ.
ފަސް ޕީސް ނަގެޓްސް ގެ އަގަކީ 50 ރުފިޔާ އެވެ. ހަމަ އެ ކަންމަތީ ފިހާރަތަކުން 20 ޕީސް ހިމެނޭ ޗިކަން ނަގެޓްސް ޕެކެޓެއްގެ އަގަކީ ގާތްގަނޑަކަށް 20 އާއި 30 އާއި ދެމެދެވެ.
ނަމަވެސް މުޅި ތަން އޮތީ ފުރި ބާރުވެފައެވެ. މޭޒެއް ގޮނޑިއެއް ހުސްކޮށް ހުއްޓާ ނުފެނެއެވެ. ވަންނަވަރުން މީހުން ވަންނަމުން، ހެދިކާ އާއި ފިނި ބުއިންތައް ނަގަމުންދާވަރަށް ނަގަމުންދެއެވެ.
ހިތާ ހިތާ މި ސުވާލު ކޮށްލެވުނެވެ. މިހާ އަގު ބޮޑު ނުކުރިއްޔާ ހަމަ ފައިދާއެއް ނުވަނީ ބާވައެވެ. ކަންމަތީ ހޮޓާތަކުން ކަޓްލަހާއި ހެދިކާ އެ ވިއްކަނީ ގެއްލުމުގައި ބާވައެވެ.
މި ހިސާބުން ހިތަށް އަރާ ސުވާލެެއް މި ވިޔަފާރި ކުރާ ފަރާތާ ކޮށްލަން ބޭނުމެވެ. އަޅެ ފަހެ ތިޔަ ހޯދެނީ ހަމަ ހަލާލު ނަފާ އަދި މަންފާ ތޯއެވެ. ކޮންމެ ދުވަހަކު އެތަނަށް ވަދެ އަގަށް ބެލުމެއް ނެތި ތަށި ފުރާލާ ކާލައިގެން ދާ ރައްޔިތު މީހާއަށްވެސް މި ހިތުގައި ސުވާލެއް އެބަ އޮތެވެ. ބަލަ އެ ތަކެތިން ލަނީ ހަމަ އެއް ރަހައެއް ނޫންތޯ އެވެ. ހަމަ އެއް ސައިޒެއް ނޫންތޯ އެވެ. ނަމަވެސް ޖީބު ތަނަވަސް ވީތީ ހަމަ ކޮންމެ އަގެއް ކިޔަސް ހަމަ ބަލައިވެސް ނުލާ ޕޭކޮށްލާފައި ނިކުންނާނީތޯ އެވެ.
އެނގޭހާވެސް ކަމަކީ މިފަދަ ކަންކަން ހައްލުވާނީ މި ފަދަ ވާހަކަތައް ދައްކައިގެން ކަމެވެ. ހައްލު ހޯދަން މަސައްކަތްވެސް ކޮށްގެން ކަމެވެ.
ނިންމާލަމުން އެ ދުވަހު އެތަނުން ދިމާވި އެހެން ކަމެއް ހިއްސާ ކޮށްލާނަމެވެ. އެއީ ކައުންޓަރު ގާތަށް ޖެހިލައި އަގު ލިސްޓުގެ ފޮޓޯ ނެގިކަން ކައުންޓަރުގައި އިން ދިވެހި އަންހެން ކުއްޖާއަށް އެނގުމުން އެ އަގުލިސްޓު ފޮރުވި ވާހަކައެވެ. އެހެން ނަަމަވެސް އަހަރެމެން ނިކުމެގެން ދާން ފެށުމުން އެ އަގުލިސްޓު އޭގެ ޖާގައަށް ރުޖޫއަ ކުރިތަންވެސް ދުށީމެވެ.