ވަގަށްނެގި ގެރިއެއްގެ ހަމަލާ ފަސްބަޔަށް އަމާޒުވެ އިންޑިއާގައި މީހަކު މަރުވެއްޖެ
އިންޑިއާގެ ކަރްނާޓަކާގެ ހަސަން ޑިސްޓްރިކްޓްގައި ގެރިއެއް ވަގަށް ނަގަން އުޅުނު މީހަކު، އެ ގެރި ދިން ހަމަލާގައި މަރުވެއްޖެއެވެ.
އިއްޔެ ހިނގި މި ހާދިސާގައި މަރުވެފައިވަނީ ކަރްނާޓަކާގެ ތުމްކޫރު ޑިސްޓްރިކްޓަށް ނިސްބަތްވާ ގޯވިންދައްޕާ ނަމަކަށް ކިޔާ މީހެކެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ މަރުވީ، އެ ގެރި ވަގަށް ނަގައިގެން ގާޑިޔަލަކަށް އަރުވަން އުޅުމުގެ ތެރޭގައި ގެރި އޭތީގެ ފައިން ދިން ހަމަލާ ގޯވިންދައްޕާގެ ފަސްބަޔަށް އަމާޒުވެގެންނެވެ. ގޯވިންދައްޕާ މަރުވީ އެ ހަމަލާގެ ސަބަބުންކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާކަމަށް ބުނެފައިވެއެވެ.
ގޯވިންދައްޕާއަށް އެ ގެރި ހަމަލާދިނީ ވަގަށް ނަގައިގެން ދެ ކިލޯމީޓަރަށް ގެންދިޔަ ފަހުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.