Advertisement

މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މީޑިއާ ކައުންސިލުން އެދިއްޖެ.

07 Jul 2019 | 15:27

މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އޮނަރަބަލް މުހައްމަދު މަލީހު ޖަމާލުގެ އަރިހުގައި އެދިއްޖެއެވެ.

އެ ކައުންސިލުން މިފަދައިން އެދިފައި މިވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކަފުޅުގައި މީޑިއާތަކުގެ މާލީ ހާލަތަށް ބަލާއިރު، އިންޓަނެޓްގެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ފާހަގަކުރެއްވިއެވެ. އިންޓަނެޓްގެ އަގު ބޮޑުވުމުގެ ސަބަބުން އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ހުރި ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެ މަސައްކަތުގެ ތެރެއިން މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކުގައި އެ މިނިސްޓްރީގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ކައުންސިލްގެ މެމްބަރުން ވަނީ މިނިސްޓަރާ މަޝްވަރާ ކުރައްވާފައެވެ.

ކައުންސިލްގެ ރައީސް އަލްފާޟިލް ހިދާޔަތުﷲ ގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އާޒިފް އާއި ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުހައްމަދު ފަރުޞަތު އާއި ކައުންސިލް މެމްބަރު އަލްފާޟިލް އަޒްމީ އަލީ އާއި ކައުންސިލް މެމްބަރު އަލްފާޟިލާ ޝިފްޒާ މުސްތަފާގެ އިތުރުން ކައުންސިލް މެމްބަރު އަލްފާޟިލް އަބްދުއްލަތީފް އަޙްމަދެވެ.

އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް