މަސްތުވާތަކެއްޗާއި އެކު ގުރައިދޫ އިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި އެކީ ކ.ގުރައިދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން މިމަހު ހަތަރުވަނަ ދުވަހުގެ 12:04 ހާއިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މި މީހާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރި ހަ ރަބަރު ޕެކެޓު މި މީހާގެ އަތުން ފެނިފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ މުއްދަތަކަށް ބެހެއްޓުމަށް ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.