ވައިމާސް ގެ 3 ވަނަ ޕްރޮގްރާމް ނިންމައިފި
ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ "ޔޫތް އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް) ގެ 3 ވަނަ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މިލީނިއަމް ޔޫތް އެމްބެސެޑެރަކަށް ވުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، 75 އާއި ގާތްކުރާ އަދަދަކަށް ޒުވާނުން ބައިވެރިވެފައިވާ ކަމަށް ރަފީ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ.
އާންމުކޮށް ހުޅުވާލައިގެން، އެއްވެސް ފީއަކާއި ނުލާ ކުރިޔަށްގެންދާ މިޕްރޮގްރާމުގެ އިއްޔެގެ ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ވައިމާސް ޕްރޮގްރާމުގެ ދެ ސިގްނޭޗަރ ސްޕީކަރުން ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި މައްސޫދު އަލީއެވެ. ރަފީ ޖަމިއްޔާ އިން ބުނީ، މި ދެބޭފުޅުންގެ ސެޝަން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތަފާތު މީހުންގެ ތެރޭގައި އެކު އެކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ. އަދި އެކި ހާލަތްތަކުގައި މީހުންނާއި މެދު ޖެހޭ މައްސަލަތައް އެންމެ އެދެވޭ ގޮތެއްގައި ހައްލުކުރާނެ ގޮތްތަކުގެ އިތުރުން، ބަދަލުތަކާއި ކުރިމަތިވާ ހިނދު އެކަންކަމާއި ކުރިމަތިލާން ފަސޭހަ އުކުޅުތަކުގެ މައްޗަށެވެ.
ރަފީ ޖަމިއްޔާއިން 2016 ވަނަ އަހަރުން ފެށިގެން ޒުވާނުން ބާރުވެރިކުރުމަށް ވައިމާސް ޕްރޮގްރާމް ދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަޤްބޫލު އަދި ފުރިހަމަ ނަތީޖާއެއް ދައްކުވައިދީފައިވާ ޕްރޮގްރާމެއް ކަމަށް ރަފީ ޖަމިއްޔާއިން ބުންޏެވެ. އެގޮތުން ސިންގަޕޫރުގެ ނަން މާޝްހޫރު ޔުނިވަރސިޓީ، އެޑްސްޓަރ ގްލޯބަލް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ މިޕްރޮގްރާމް 600 އަށް ވުރެ ގިނަ ޒުވާނުން ފުރިހަމަކޮށްފައިވާ ކަމުގައި ރަފީ އިން ބުނެއެވެ.
މިޕްރޮގްރާމުގެ ހުރިހާ ބައިތަކެއް އެންމެ ފުރިހަމަ ގޮތެއްގައި ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން ޖުމްލަ 31 ފަރާތެއް ވަނީ ރަފީގެ މިލީނިއަމް ޔޫތް އެމްބެސެޑަރެރަކަށް ވެފައެވެ.