ކަލާފާނު ސުކޫލުން ބޭއްވި ދުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ
ކަލާފާނު ސުކޫލަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ފެހިދުވުން" ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒަނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ އެންމެފަހު ބުރުގެ ދުވުމުގައި ފަސްޓްލޭޑީ ބައިވެރިވެފައިވާއިރު، މި ދުވުން ފަށާފައި ވަނީ މިމަހުގެ ފަހެއްވީ ހުކުރު ދުވަހުއެވެ. 30 ގަޑިއިރަށް ދެމިގެންދިޔަ މިދުވުން ފެށުމަށްފަހު، އެ ސުކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުން ވަނީ ބަހާލައިގެން 30 ގަޑިއިރަށް ދުވެފައެވެ.
މީގެ އިތުރުން، އެކުވެނި ދަނޑުގައި އިތުރު ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި، މީގެ ކުރިން އެއްވެސް ސްކޫލެއްގައި ކުރިޔަށްގެންގޮސްފައި ނުވާ އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިން އެޕްރޫވަލް ދީފައިވާ، 'ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާއި ކަސްރަތު' މި ޝިއާރުގެ ދަށުން 'ލިވް ލައިފް'ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ.
މީގެ އިތުރުން، މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް ވަނީ އެކުވެނި ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ. އަދި ޒުންބާ ހަރަކާތްތަކާއި، ޞިއްޙީ ކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން ސްޓޯލްތައް ބަހައްޓައިގެން އެސަރަހައްދުގައި ހަރަކާތްތައް ކުރިޔަށްގެންގޮސްފައި ވެއެވެ.
މި ދުވުމުގެ މައިގަނޑު މަޤްޞަދަކީ، ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމާއެކު އެ ސްކޫލުގެ ދަރިވަރުންނަކީ އަބަދުވެސް ދުޅަހެޔޮ ދިރިއުޅުމަކަށް، މިންހެޔޮ ކާނާއާއި ކަސްރަތުގެ މުހިންމުކަން ޤަބޫލުކޮށް، އެގޮތަށް އަމަލުކުރާ ބަޔަކަށް ހެދުން ކަމަށް ކަލާފާނު ސުކޫލުން މައުލޫމާތު ދެއެވެ.
އެ ސުކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުން ބައިވެރިވި މި ދުވުމުގައި ގާތްގަނޑަކަށް ދެހާހެއްހާ ކުދިން ބައިވެރިވެފައިވެއެވެ.