ކުދިން އުފުލާ ދަބަސް ކުދިންގެ ބަރުދަނުގެ ދިހަ އިންސައްތައަށްވުރެ ބަރު ވެގެން ނުވާނެ: ދިރާސާ
ސްކޫލު ދަރިވަރުން އުފުލާ ފޮތް ދަބަސް، އެ ކުދިންގެ ބަރުދަނުގެ 10 އިންސައްތައަށްވުރެ ބަރު ވެގެން ނުވާނެ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގައި ބުނެފައިވާގޮތުގައި ކުދިން ދަމާ ޒާތުގެ ދަބަހެއް ގެންގުޅޭނަމަ އޭގެ ބަރުދަނަކީވެސް ކުއްޖާގެ ބަރުދަނުގެ 20 އިންސައްތައަށްވުރެ ބަރު ދަބަހަކަށް ވެގެން ނުވާނެ އެވެ.
މި ދިރާސާއަކީ ސްޕެއިންގެ ޔުނިވާސިޓީ އޮފް ގްރެނާޑާ އާއި އިނގިރޭސިވިލާތުގެ ޖޯން މޫރެސް ޔުނިވާސިޓީން ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. މިއީ ދަރިވަރުން އުފުލަން އެކަށީގެންވާ ބަރުދަން ބަލަން ހެދި މިފަދަ ފުރަތަމަ ދިރާސާކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާގައި ބައިވެރިވި ދަރިވަރުން އެކި ގޮތްގޮތަށް ތަހުލީލުކޮށްފައިވާނެކަމަށް މި ދިރާސާކުރި ފަރާތުން ބުނެފައިވެއެވެ. އެގޮތުން އެއްވެސް ބަރުކަމެއް ނެތި އެ ކުދިން ހިނގާ ގޮތާއި ދަބަސް އަޅުވައިގެން ނުވަތަ ބެކްޕެކް ޓްރޮލީ ދަމާފައި ދާއިރު އެ ކުދިންނަށް އަންނަ ބަދަލު ދެނެގަނެ ނަތީޖާއަކާއި ހަމައަށް އާދެވިފައިވާކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާގައި ބުނެފައިވާގޮތުގައި މާ ބަރުކޮށް ފޮތް ދަބަސް އުފުލާނަމަ ކުދިންގެ ހަށިގަނޑަށް އަނިޔާވުމުގެ ފުރުސަތު ބޮޑެވެ. އަދި އެފަދަ އަނިޔާތަކުގެ އަސަރު ވަގުތުން ނުކުރި ނަމަވެސް ފަހުން އެކަމުގެ އަސަރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.