ޝައިމް ފޮރުވައިގެން ގެންގުޅުނު މައްސަލައިގާ ހައްޔަރުކުރީ އަންހެނަކާއި ފިރިހެނެއް
އުމުރުން 14 އަހަރުގެ ޝައިމް ފޮރުވައިގެން ގެންގުޅުނު މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ޝައިމް އަބްދުﷲ ގެއެއްގައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން 46 އަހަރުގެ ދިވެހި އަންހެނެއް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ހަ ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ހަމަ މި މައްސަލައިގާ 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިންވެސް ހާމަކުރެއްވިއެވެ. ނަމަވެސް އޭރު އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކޮށް ޝައިމް ހޯދީ މި މަހުގެ އެއްވަނަ ދުވަހުގައެވެ.