ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމްއަަށް އިތުރު 34 މިލިއަން ރުފިޔާ ކަނޑައަޅައިފި
ސްކޫލްކުދިންގެ ނާސްތާ ޕްރޮގްރާމް މިހާރަށް ވުރެ ރަނގަޅުކުރުމަށް އިތުރު 34 މިލިއަން ރުފިޔާގެ ބަޖެޓްއެއް ކަނޑައަޅާފައިވާ ކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ދަރިވަރުންނަށްދޭ ނާސްތާއަކި ރަނގަޅު ފެންވަރެއްގައި ދެވޭ ތަކެއްޗަށް ހެދުމަށް ކުރިން 150 މިލިއަން ކަނޑައެޅި އެ ޕްރޮގްރާމްއަށް މިހާރު 184 މިލިއަން ރުފިޔާގެ ބަޖެޓްއެއް ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މަސައްކަތް އޭގެ އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް 35 ރަށެށްގައި 245 ކްލާސްރޫމް ތަރައްގީ ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުން ކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.
ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު ރާއްޖޭގެ 213 ސްކޫލަށް ހެނދުނުގެ ނާސްތާ ދޭން ފެށުނުއިރު އެ ސްކޫލުތަކުގައި 70،000 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.