ފުލުހުން އަނިޔާކުރި ވީޑިއޯ ނެގި މީހަކު ހޯދައި އެ ވީޑިއޯ ޑިލީޓް ކުރުވަން ފުލުހުންގެ ބަޔަކު މަސައްކަތް ކޮށްފި
ރޭގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއަކަށް ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެ ވީޑިއޯ ކުރި މީހަކު ހޯދުމަށާއި އެ ވީޑިއޯ ޑިލީޓް ކޮށްލުމަށްވެސް ފުލުހުންގެ ބަޔަކު މަސައްކަތްކޮށްފިއެވެ.
އެކަން ކުރިކަން ހާމަކޮށްފައިވަނީ އެ ވީޑިއޯ ކުރި ކަމަށް ބެލެވޭ އިމާރާތުގައި ދިރިއުޅޭ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައެވެވެ.
https://twitter.com/anasabdulsattar/status/1147255331967213568އެ ޓްވީޓްގައި އަނަސް ވިދާޅުވެފައިވާގޮތުގައި ފުލުހުންގެ އޮފިޝަރުން ތަކެއް ރޭގައި އެ ގެއަށް ދިޔައެވެ. އަދި އަނަސް އުޅުއްވާ ފްލޯ ޗެކްކޮށް މަތީ ފްލޯއަށް ގޮސް އަލުން އެނބުރި އެ ފްލޯއަށް އައިސް، އެ ވީޑިއޯ ރެކޯޑް ކުރީ އެ ފްލޯއިން ކަމަށް ތުހުމަތުކޮށް ފޯނުތައް ބަލާ ފާސްކުރަން މަސައްކަތްކޮށް ވީޑިއޯ ޑިލީޓް ކުރުމަށް އިންޒާރުވެސް ދިން ކަމަށެވެ. އަނަސްގެ ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ އެއީ ކޮން ބައެއްތޯ ސުވާލު ކުރުމުން ފުލުހުންގެ ބެޖު ދެއްކި ކަމަށާއި އެމީހުން ކުރިއަށްގެންދަނީ ފުލުހުންގެ އޮޕަރޭޝަނެއް ކަމުގައިވެސް ބުނި ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ރޭގައި ވިދާޅުވެފައިވަނީ އެ ބައެއްގެ މައްޗަށް ތަހުގީގު ހިންގައި އެ ފުލުހުން ސަސްޕެންޑް ކުރާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ސީޕީ ވިދާޅުވެފައިވެއެވެ.