ދުވަސްތައް ހަފުތާތަކަށް ހަފުތާތައް މަސްތަކަށް ބަދަލުވަމުން ގޮސް އެންމެފަހުން ޝާހިލް އާއި ޒީޝާންގެ ސިއްރުކުރެވިފައިވާ ލޯބި ފަޅާއަރައިފިއެވެ. މީހުން ބުނެއުޅޭގޮތުގައި ލޯތްބާއި ގޮމަކަސްތޫރިއަކީ ފޮރުވައިގެން ގެންގުޅެވޭނެ ދޭއްޗެއް ނޫނެވެ. ގައިމުވެސް ދެހިތެއްގައި އުފެދި އާލާވަމުންދާ ކުލުނާއި ޖަޒުބާތުތަކަކީ ފޮރުވާ ސިއްރުކޮށްގެން މާގިނަ ދުވަހު އެކަކަށް ވެސް ގެންގުޅެވޭނެ އެއްޗެށް ނޫނެވެ. ދަންވަރުގެ ހަމަހިމޭންކަމުގައި ގުޅި އުފެދެމުން ދިޔަ ލޯތްބަށް ނިމުން އައިސްފިއެވެ.
އެއީވެސް ޝާހިލްގެ އިންތިޒާރުގައި ހޭލާ ޒީޝާން އިން ރެއެކެވެ. ފޮތެއް އަތުގައި އޮތްނަމަވެސް އެއީ ހަމައެކަނި ނަމަކަށްށެވެ. އޭނާގެ ހިތް އެދެމުންދަނީ ޝާހިލަށްށެވެ. އޭނާގެ ދެލޯ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ޝާހިލް ދުށުމަށް އެދިއެވެ. އެންމެފަހުން އެހެން އިންދާ އޭނާއަށް ނިދޭގޮތްވެއްޖެއެވެ. ކިޔަން ގެންގުޅުނު ފޮތް މޭމަތީގައި ބާއްވާލައިގެން އޮވެ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ޓީވީވެސް ހުރީ ނިއްވާ ނުލައެވެ.
ޝާހިލަށް ގެއަށް އާދެވުނީ ބާރަޖަހާ ދިޔަ ފަހުންނެވެ. އޭނާ ގެއަށް ވަނުމާއެކު ޓީވީ ހުޅުވާފައި ހުރުމާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ބަލާލެވުނީ ސިޓިންރޫމުގެ ސޯފާތަކާއި ދިމާއަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ދެލޯ ތާއަބަދުމެ ދުށުމަށް އެދޭ ޒީޝާން ސިޓިންރޫމުގެ ސޯފާތަކުން ސޯފާއެއްގައި ނިދާލާފައި އޮއްވައެވެ. އެވަގުތު އޭނާ ވެފައިވާ ވަރުބަލިވެސް ފިލައިގެން ދިޔަ ކަހަލައެވެ. މަޑުމަޑުން އޭނާއަށް ސޯފާއާއި ގާތަށް ޖެހިލާ ޒީޝާނަށް ބަލާލިއެވެ. އޭނާ އޮތީ މަރުނިދީގައި ކަން ހާމަކޮށްދިނީ ޝާހިލް ގޮސް ހުއްޓުމުން ވެސް އޭނާއަށް ހިލަމެއް ބިލަމެއް ވެސް ނުވީމެވެ.
ޝާހިލަށް ހުރެވުނީ ޒީޝާންގެ އެމަޢުސޫމު މޫނަށް ބަލަހައްޓައިގެން ކަޅިވެސް ޖަހާލަން ނޭނގިފައެވެ. ޝާހިލްގެ ނުކިޔަމަންތެރި ހިތްއެދެމުން ދަނީ ޒީޝާންގެ ނިއްކުރީގައި ބޮސްދިނުމަށެވެ. އެލޯބިހަށިގަނޑު ގަޔާލާ ބޮޑިކޮށް ލުމަށްށެވެ. އެހަށިގަނޑުގެ ހޫނުކަން އިޚްސާސް ކޮށްލުމަށެވެ. ނަމަވެސް................................
ޝާހިލް މަޑުމަޑުން ޒީޝާނާއި ދިމާއަށް ގުދުވިއެވެ. އަދި ޒީޝާން މޫނުމައްޗަށް އެއްވެސް ތަރުތީބެއް ނެތި އެޅިފައިވާ އިސްތަށިތައް އަތުން އެއްފަރާތް ކޮށްލިއެވެ. މިހާރު ޒީޝާންގެ ހަނދެއް ފަދަ މޫނު އެއޮތީ ޝާހިލްގެ ކުރިމަތީގައި ހާމައަށް ފެންނާށެވެ. އެވަގުތު އޭނާގެ ޒުވާންކަން އުތުރިއަރައިގަތީ ކީއްވެގެން ކަމެއްކަން ނޭނގެއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ޒީޝާންގެ ނިއްކުރީގައި ބޮސްދެވުނެވެ. އެވަގުތު ޒީޝާނަށް ސިހިފައި ހޭލެވުނެވެ. ދެލޯބޮޑުކޮށް ބަލާލެވުނު އިރު އޭނާއަށް ފެނުނީ އޭނާ އާއި ދިމާއަށް ގުދުވެގެން އޮތް ޝާހިލެވެ. ޝާހިލްގެ ހޫނު ނޭވާތައް ދިޔައީ އެއްވެސް ހުރަހެއްނެތި ޒީޝާންގެ މޫނަށް އެޅެމުންނެވެ.
''ކީއްވެ މިތާ އޮވެ ތިނިދަނީ. ފަހަރެއްގަ އެއްކަލަ ހިޔަނި..........................''ޝާހިލް ހަމަ ހިޔައްޏޭ ބުނާ އިރަށް ޒީޝާނަށް ފުއްމައިގެން ތެދުވެވުނެވެ. އެވަގުތު ޒީޝާނުގެ ޢަމަލުތައް ހުރިގޮތް ފެނުމުން ޝާހިލް ގާތަށް ހިނިވެސް އައެވެ. ''އަހަންނަށް މިތާ އޮވެ ނިދުނީދޯ.'' ޒީޝާން އަމިއްލަ އަމިއްލައަށް ބުނާ ކަހަލަ ގޮތަކަށް ބުއްޏެވެ.
''ނިދީތަ ނޫނީ އަހަރެންގެ އިންތިޒާރުގައި އިންދާ ނިދުނީތަ؟'' ޝާހިލް ޒީޝާން ގާތު ސޯފާގައި އިށީއްނަމުން ވައި އަޑުން ބުންޏެވެ. ''ނިދުނީ.'' ޒީޝާން އިނީ އިސްދަށަށް ޖަހާލައިގެންނެވެ.
''މޮޔަކުއްޖާގަނޑާ. ލޯބީގަ ދޮގެއް ހަދާކަށް ވެސް ނޭނގޭދޯ. އަހަންނަށް އިނގޭ އަހަރެންގެ އިންތިޒާރުގައިކަން ތިއިނީ.'' ޝާހިލް ޒީޝާންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ލޯތްބާއިއެކު ބުންޏެވެ. ''ދެން އިނގޭ އިރު ކީއްވެ ތިއަހަނީ.'' ޒީޝާން ޝާހިލްގެ މޫނަށް ބަލާލަމުން ބުއްޏެވެ.
''ހަމަ ތިދުލުން އެއްބަސް ވޭތޯ ބަލާލީ. އިނގޭ މަގޭލޯބިގަނޑު އިންތިޒާރުގަ އިންނާނެކަން ވެސް. މިރޭ މާބޮޑަށް މިހާރު ލަސްވެސް ވެއްޖެދޯ. އަސްލުވީ ގޮތަކީ އެއްކަލަ ހޫދުމެންނާއި ޖެހިގެން އަނގަތަޅަން އިނދެވުނީ. ޒީއަށް ވެސް އިނގެއެއްނު އެމީހުންނާއި ޖެހިއްޖެއްޔާ ވާނެގޮތް ދޯ.'' ޝާހިލް ވާހަކަ ދައްކަމުން ދިޔައީ ޒީޝާނުގެ އިސްތަށިގަނޑާއި ކުޅެލަ ކުޅެލާ އިނދެއެވެ.
ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ސިޓިންރޫމުގެ ބޮކީގެ އަލިގަދަ ވުމާއެކު އެވެ. ދެމީހުންނަށް ވެސް ސިހިފައި ތެދުވެވުނީ ދާދި އެކުއެކީގައެވެ. އެމީހުންނަށް ފެނުނީ ކާގޭ ދޮރުމަތީގައި ހުރި ނަވީލެވެ.
''ތުއްތޫ........... މިގަޑީގަ ހޭލާ ކީއްތިކުރަނީ.'' ޝާހިލް އަވަސް އަވަހަށް އަހާލިއެވެ. ''ކަމެއް ނުކުރަން. ފެންބޯން ވެގެން މިއައީ.'' ނަވީލް ޒީޝާނާއި ދިމާއަށް ވައްކަޅިއަކުން ބަލާލަމުން ޝާހިލް އިތުރަށް އެއްޗެށް ބުނުމުގެ ކުރިން ކާގެތެރެއަށް ވަނެވެ. ޒީޝާނު ހުރީ ނަވީލް ބަލާލިގޮތުން ކަންބޮޑުވެ ހާސްވާގޮތްވެފައެވެ. ''ދެން އަހަރެން ދަނީ.'' ޒީޝާން ޝާހިލަށް ބަލާލާފައި ހިނިތުން ވެލަމުން ހިނގައިގަތެވެ. އެވަގުތު ޝާހިލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ޒީޝާން އެނބުރި ޝާހިލަށް ބަލާލިއެވެ. ޝާހިލް ހުރީ ކަޅިވެސް ޖަހާނުލާ ޒީޝާނަށް ބަލަހައްޓައިގެން ނެވެ. ޝާހިލްގެ އެބެލުން ބުނާ ކަހަލައެވެ. އަހަރެން އެކަނި ކޮށްލާފައި ހަމަ ދަނީ ހެއްޔެވެ؟ އަހަރެން ވެސް ގޮވައިގެން ތިދާދާކަށް ދާށެވެ.
''މިހާރު ވަރަށް ދަންވެސް ވެއްޖެދޯ. ޝާހިލްވެސް ތިހިރީ ވަރަށް ވަރުބަލިވެފައެއްނު. ދެންދޭ އަވަހަށް ނިދާލަން.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''ހަމަ ދާންވީތަ؟'' ޝާހިލް ޒީޝާން ގާތަށް ދަމާލަމުން ބުއްޏެވެ. ހޫނ. ދެންދޭ. ނަވީލަށް ފެނިދާނެ. އޭރުން މާރީތި އަޑެއް ނޫން އިވޭނީކީ.'' ޒީޝާނު ބޭނުންވީ ނަވީލް ކާގެއިން ނިކުތުމުގެ ކުރިން އެތަނުން ދާށެވެ. ޝާހިލަށް ނަވީލްގެ ގޮތް ނޭގުނަސް އޭނާއަށް ނަވީލްގެ ގޮތް މާރަނގަޅަށް ވެސް އެގެއެވެ.
''މީހަކަށް އެގިދާނެތީ ހާދަބިރެއް ތިގަންނަނީ ދޯ. ދެން އެވާހަކައެއް ނޫނޭ. ކިހާވަރަކަށް އަހަރެން ދެކެ ލޯބިވަނީ.'' ޝާހިލް ޒީޝާން ގަޔާލާ ބޮޑިކޮށްލަމުން ބުއްޏެވެ. ''ވަރަށް ބޮޑަށް ލޯބިވޭ.'' ޒީޝާން ޝާހިލްގެ އަތުތެރޭން ވީއްލި ގަނެގެން ހިގައިގަންނަމުން ބުނެލިއެވެ. ޝާހިލް ހުރީ އެލަދުރަކި އަންހެންކުއްޖާ ދާމަންޒަރު ބަލަން ހިނިތުން ވެފައެވެ. އެންމެ ފަހުން އޭނާވެސް މޭޒުމަތީގައި އޮތް ފައިލް ނަގައިގެން ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ.
ހެނދުނުގެ ސައިގެ ވަގުތެވެ. ނަވީލްވެސް ކާގެއަށް އައިސް ވަނީ ހަމަ ދެންމެއެވެ. އޭރު ކާގެތެރޭގައި ތިބީ ބޮޑުދައިތަ އާއި ތިއްތައެވެ. ނަވީލް މޭޒު ދޮށުގައި އިށީއްނުމާއެކު ބޮޑުދައިތަ މޭޒުމަތީގައި ހުރި ތަށިތައް އޭނާ އާއި ގާތަށް ޖައްސާލަދިނެވެ. ނަވީލްވެސް މަޑުމަޑުން އިނދެ ސައިބޮމުން ގެންދިޔައެވެ. އޭނާ އިނީ މޭޒު ދޮށުން ޒީޝާން ނުފެނުމުން ހައިރާން ވެފައެވެ. ގައިމުވެސް މިއަދު މީ އޭނާގެ އޮފުދުވަހެކެވެ. ނަވީލް ދެފިކުރުމަތީ އިނދެ ސައިބޮމުން ދަނިކޮށް ކުއްލިއަކަށް ކާގޭ ދޮރުމައްޗަށް އައިސް ހުއްޓުނީ ޒީޝާނެވެ.
''ޒީ. އަދި ކިރިޔާދޯ ތިހޭލީ.'' ޝާހިދާ ޒީޝާނާއި ދިމާއަށް ބަލާލަމުން ބުއްޏެވެ. ''ދަންވަރު ޑިއުޓީގަ އުޅޭމީހުންނަށް ކިހިނެއް އެހާ އަވަހަށް ހޭލެވޭނީ.'' ނަވީލް ޒީޝާން އެއްޗެށް ބުނުމުގެ ކުރިން ދިމާކުރާ ކަހަލަ ރާގަކަށް ބުނެލިއެވެ.
''އެކަމަކު ރޭ ޒީޝާން ޑިއުޓީއަކަށްވެސް ނުދެއެއްނު.' 'ބޮޑުދައިތަ ހައިރާންވެފައި ބުނެލިއެވެ. ''ބޮޑުދައިތަމެންގެ ސިކުނޑި އަދިވެސް ހާދަ ޅަ އޭދޯ. ހޮސްޕިޓަލުގެ ޑިއުޓީ އެކަނިތަ ޑިއުޓީއަކީ.'' ނަވީލް ވަށްބަހުން ދިމާކުރަމުން ދިޔައީ ޒީޝާނާއިކަން ޒީޝާނަށް އެގެއެވެ. ވުމާއެކު އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. އަދި މަޑުމަޑުން އިނދެ ސައިބޯން ފެށިއެވެ.
ނަވީލް ސައިބޮއިގެން ކާގެއިން ނިކުތް ވަގުތު ކާގެއަށް އައިސް ވަނީ ޝާހިލެވެ. އޭރު ކާމޭޒު ދޮށުގައި ތިބީ ޝާހިދާ އާއި ޒީޝާނެވެ. ޝާހިލް ފެނުމުން ޒީޝާން އަވަސް އަވަހަށް ތެދުވެ އޭނާއަށް ސައި ހަދައިދޭން ފަށައިފިއެވެ. ޝާހިލަށް އިނދެވުނީ ޒީޝާނުގެ އެހަރަކާތްތެރި ދެއަތަށް ބަލާށެވެ.
''ޝާހިލް. ތިއްތަބޭ މިއަދު ދެހަފުތާގެ ޓުރޭނިންގ އަކަށް ލާމަށް ދާނެ. ޝާހިލް ވާނެ ދޮންތަބޭ އަންނަށް ދެން ޒީ ގެންގޮސްދީ ގެނެސްދީ ހަދަން. އެކަމަކު މާބިޒީ ވަންޏާ ތިއްތަ ގާތު ބުނަށް ވާނެ. ވާނެތަ އަނެއްކާ.'' ޝާހިދާ ކާމޭޒު ދޮށުން ތެދުވަމުން އަހާލިއެވެ. ''އިރާދަކުރެއްވިއްޔާ ތިކަންތައް ކުރެވޭތޯ ބަލާނަށް.'' ޝާހިލް ޒީޝާނާއި ދިމާއަށް ބަލާލުން ހިނިތުންވެލިއެވެ. ހީވަނީ ތިމާ ނުހަނު އެދޭކަމެއް ވުމުން އެކަމުގެ އުފަލުގައި އިންހެންނެވެ.
''ޒީ. ޝާހިދައްތަ މިދަނީ އޮފީހަށް. ޝާހިލް ސައިބޮއި ނިމެން ދެން މަޑުކޮށްލައްޗޭ.'' ޝާހިދާ ކާގެއިން ނިކުތުމަށް ހިނގައި ގަންނަމުން ބުއްޏެވެ. ޒީޝާން އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
''ކަމަނާ ކުރިއަށް މިއޮތް ދެހަފުތާ ދުވަހަކީ އަހަރެންގެ ޤައިދުގަ ވާނެ ދެހަފުތާ ދުވަސް. ހަނދާން ކުރާތި. ގަޑިޖެހިގެން ނުވާނެ.'' ޝާހިލް ގިރުވާނު ކޮޅަށް ޖަހާލަމުން ބުންޏެވެ. ''ހާދަ މީހުންނަށް އަމުރުކުރާ ހިތްވެއޭ ދޯ. ކިހާވަރަކުން ދާނެބާ.'' ޒީޝާންވެސް ހަމަލާއެއް ދޫކޮށްލިއެވެ. ''މީހުންނަކަށް ނޫނޭ. ހަމަ އެކަނި މަގޭ ލޯބިގަނޑަށް.'' ޝާހިލް ހިނިތުންވެލަމުން ބުއްޏެވެ.
''ޝާހިލް. އަހަރެން އެބައޮތޭ ޝާހިލް ގާތު ވަރަށް ބޮޑުވާހަކައެއް ބުނަށް ވެފަ.'' ޒީޝާން މޭޒުމަތީގައި ހުރި ތަށިތައް އެއްކުރަމުން ބުއްޏެވެ. ''ކޮން ވާހަކައެއްތަ ލޯބީ. ބުނެބަލަ.'' ޝާހިލް ޒީޝާނުގެ އަތުގައި ހިފަހައްޓަމުން ބުއްޏެވެ. ''އެއޮތް އައީ ބޮޑުދައިތަ.'' ޒީޝާން ބޭނުންވީ ޝާހިލް އޭނާގެ އަތުން ދޫކޮށްލާނެ ގޮތެކެވެ. ޒީޝާން އެހެން ބުނުމާއެކު ޝާހިލް ސިހިފައި ޒީޝާން އަތުން ދޫކޮށްލިއެވެ. ''ކޮބާ ބިރު ގަނެއްޖެއްނު ދޯ.'' ޒީޝާން ތަށިތައް ހިފައިގެން ސިންކާއި ދިމާއަށް ހިނގައިގަންނަމުން ހިނިތުންވެލާފައި ބުނެލިއެވެ.
''ދެން އޯކޭއޭ. ކޮބާތަ ބުނަށް ބުނި ވާހަކަ.'' ޝާހިލް ފެންތަށިން ކޯވަރެއް ބޯލަމުން ބުއްޏެވެ. ''މިހާރަކު ނޫންދޯ.''
''ދެން ކޮންއިރަކުން؟'' ޝާހިލް އަވަސް އަވަހަށް ބުނެލިއެވެ. ''ފަހުން ބުނާނަމޭ.'' ޒީޝާން ވާހަކަ ދެއްކީ ސިންކު ތެރޭގައި ހުރި ތަށިތައް ދޮންނަމުންނެވެ. ''އެކަމަކު ފަހަކީ ވެއްޔޭ ބުނާތީ އަޑުއަހަން. ތިއެއްވެސް އެގިދާނެތާ.'' ޝާހިލް ޒީޝާނަށް ބަލާލާފައި ހިނިތުން ވެލަމުން ކާގެއިން ނިކުތުމަށް ހިނގައިގަތެވެ.
*********** ނުނިމޭ ***********
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް