ފޯނު ފެންނަ ކޮންމެ ފަހަރަކު ޒިޔާން މަތިން މާބޮޑަށް ހަނދާންވާތީ ފޯނާ ވަރަށް ބޮޑަށް ދުރުވީމެވެ. އަބަދު ފޯނު ބާއްވަނީ ނިއްވާލާފައި، ކަބަޑުގައެވެ. އެހެން ހެދުމުން ޒިޔާންގެ މެސެޖަކަށް ކުރެވޭ އިންތިޒާރު ކުޑަވާންފެށިއެވެ. އެކަމަކު އެކަނިވާ ކޮންމެ ފަހަރަކު ވަރަށް ބޮޑަށް ޒިޔާން މަތިން ހަނދާންވެއެވެ. ބައެއްފަހު ރީތި ފިލްމެއް ބަލާފަދައިން ހުރިހާ މަންޒަރުތަކެއް ވަކިވަކިން ސިފަކުރަން އޮވެވެއެވެ. އަނެއްބައި ފަހަރު ޒިޔާނާ ވަކިވާންޖެހުނީތީ ހިތާމައިން، ގިސްލަމުން އޭނާ މަތިން ހަނދާންކުރަން އޮންނަމެވެ.
ހަފުތާއެއް ފަހުން ނައުޝާދު އަތުވެއްޖެއެވެ. ކިޔެވުން މެދުކަނޑާލާފައެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ކިޔެވުމަށްވުރެ އޭނާ އަށް އަހަރެން މުހިއްމުވާނެކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ހިތުން ނައުޝާދަށް ކުޑަނަމަވެސް ޖާގައެއް ދެވޭތޯ މަސައްކަތް ކުރަންވީއެވެ. އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. އެކަމަކު މިހާރު މި ހިތަކީ އަހަރެންގެ ބާރު ފޯރާ ހިތެއް ނޫނެވެ. މި ހިތް ވަނީ ޒިޔާނަށް ހިބައިން ދެވިފައެވެ. އެހެން މީހަކަށް ދޭނެ އެއްޗެއް ނެތެވެ. ދެން އޮތީ ނައުޝާދަކީ ޒިޔާން ކަމުގައި ދުށުމެވެ. އެގޮތް މުޅިން ގޯހެއް ނޫނެވެ. އެކަމަކު އެ ދެމީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ. ޒިޔާންގެ އެހުންނަ ލޯބިވެތި، ހިތްދަމައިގަންނަ ގޮތެއް ނައުޝާދުގެ ނުހުރެއެވެ. ނައުޝާދަކީ 'އަބުއި' މީހެކެވެ. ބޭކާރު ވާހަކައެއް ނުދައްކާނެއެވެ. ލޯބިވެތި ސަމާސާކޮށް ހަދާކަށް ނޭނގޭނެއެވެ. ހަމައެކަނި ޒިޔާންގެ މެސެޖުތަކުން ވެސް އަހަރެންގެ ހިތް ބަންޑުންވިއެވެ. ނައުޝާދު އަހަންނަށް މެސެޖެއްކުރި ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. އެކަމަކު ދޭތެރެއަކުން އަހަރެންގެ ހާލު ބަލަން ގުޅާނެއެވެ. އަހަންނަށް އެއްވެސް ކަމެއް ދަތިވޭތޯ، ކަމެއް ބޭނުންވޭތޯ އަހާނެއެވެ. ލޯބިވެރިޔަކަށްވުރެ ބޮޑަށް އަހަންނަށް އޭނާ ފެންނަނީ ބޭބެއެއްގެ ނަޒަރުންނެވެ.
ނައުޝާދު މާލެ އަށް އައި ދުވަހުގެ މެންދުރު އަހަރެންގެ ގެއަށް ކާން އައެވެ. ބައްޕަގެ ދަޢުވަތަކަށެވެ. ސުފުރާމަތިން ބައްދަލުވުމުން އެހެން މީހުންނާ ވާހަކަދެއްކިފަދައިން އަހަންނާ ވެސް ވާހަކަ ދެއްކިއެވެ. ވަކި ހާއްސަކަމެއް އަހަންނަކަށް ނުދެއެވެ. އަހަރެން ހީކުރީ ކޮންމެ ވެސް ވަގުތަކުން އޭނާ އަހަންނާ އެކަނި ބައްދަލުކުރަން އަންނާނެކަމުގައެވެ. އެކަމަކު އެރޭގެ ނުވައެއް ޖެހިއިރު ވެސް ޚަބަރެއް ނުވެއެވެ. އެންމެ ފަހުން އަހަރެން އިސްވެ އޭނާ އަށް ގުޅީމެވެ.
"ހަމަ ގުޅަން އުޅެނިކޮށް ތިގުޅީ" ފޯނު ނެގުމަށްފަހު ނައުޝާދު ބުންޏެވެ.
"ކީއްވެ މިގެއަށް ނައީ؟" އަހަރެން އެހީމެވެ. އަހަރެން އޮތީ ބޭރަށް ގޮސް، ހިތްހަމަ ޖައްސާލަން ބޭނުންވެފައެވެ. އަބަދު ގޭގައި އޮތުމުން މާބޮޑަށް ހިތް ނުތަނަވަސް ވަނީއެވެ. މިހާރު ފިކުރުކޮށްކޮށް ބަލިވާގޮތް ވެސް ވެއްޖެއެވެ. މާބޮޑަށް ވަރުބަލިވެ ލޮޑުވަނީއެވެ.
"މިއަދު މެންދުރު ދިޔައިމެއްނު؟" ނައުޝާދު ބުންޏެވެ. އޭނާ ދޭނީ އެޖަވާބުކަން އަހަންނަށް މާކުރިން ވެސް އެނގެއެވެ. އޭނާ ބަލާނީ ވީހާވެސް ބޮޑަށް އަހަންނާ ދުރުދުރުން އުޅެވޭތޯއެވެ. ކައިވެނީގެ ކުރިން މާބޮޑަށް ގާތްވާކަށް ނުވާނޭ އަބަދުވެސް ބުނެއެވެ.
"އަހަރެން ގޮވައިގެން ދުއްވާލަން ދެވިދާނެތަ؟ ފިނިކޮށްލަން" ބޭރަށް ނުކުމެ ސާފުވައިކޮޅެއް ލިބެން އެދޭތީ އަހަރެން ބުނީމެވެ.
"ރޭގަނޑު؟ މިގަޑީގަ؟" ކަންބޮޑުވެފައި ނައުޝާދު އެހިއެވެ. އޭނާ އަކަށް ނުކެރޭނެއެވެ. މުޅި އުމުރުގައި ވެސް އޭނާގެ ސައިކަލު ފަހަތަށް އަހަރެން އެރުވީ އެންމެ ދުވަހަކުއެވެ. އެއީ ވަރަށް ކުއްލިގޮތަކަށް ހޮސްޕިޓަލަށް ދާން ޖެހުނު ދުވަހަކެވެ.
"މީހުން ކީކޭ ހީކުރާނީ؟ ދެން ކައިވެނި ކުރަން މާގިނަ ދުވަހެއް ނެތެއްނު؟" ނައުޝާދު ބުންޏެވެ.
ވީފޫހިން އަހަރެން ފޯނު ކަނޑާލީމެވެ. ނައުޝާދަކީ ޒިޔާން ކަމުގައި ހީކުރާނީ ކިހިނެއް ހެއްޔެވެ؟ ޒިޔާން ނަމަ އަހަރެން ގޮވައިގެން ދާނެކަން ޔަގީނެވެ. އޭނާ މީހުންނަށް ސިއްރުން ދަންވަރު ވެސް އަހަންނަށް ބައްދަލުކުރިއެވެ. އަހަރެން އުފާކޮށްދެވެން ކުރެވުނު ހުރިހާކަމެއް ކުރިއެވެ. އެކަމަކު ނައުޝާދު. . . ނައުޝާދަކީ ވެސް އަހަރެން އުފާކޮށްދޭން މަސައްކަތް ނުކުރާ މީހެކޭ ނުބުނެވޭނެއެވެ. އެ ދެމީހުންގެ ވިސްނުމާއި، ދެކޭގޮތް ތަފާތީއެވެ. އަހަންނަށް އެކަން ވިސްނެއެވެ. އަހަންނަށް ކަމުދަނީ ޒިޔާނެއެވެ. ޒިޔާން ކޮށްދިން ކަންކަމެވެ. ޒިޔާންގެ ފަރާތުން ލިބުނު އުފަލެވެ.
ކައިވެނީގެ ދުވަސް އައިސްޖެހުނުއިރު އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ކޮޅަށް ހުރެވެނީ ވެސް ހަމަ ކިރިޔާއެވެ. މާބޮޑަށް ވަރުބަލިވަނީ އެވެ. ކިތަންމެ ބަނޑުހައިވިޔަސް ނުކެވެއެވެ. ކާން ކެރޭ އެއްޗެއް ނުހުރެއެވެ. އަހަރެންގެ ހިތަށްއެރިއެވެ. މިއީ ފިލްމުތަކުގައި ވެސް ވާގޮތެވެ. ލޯބި ނުލިބުމުން ނުވަތަ ލޯބިވެރިޔާއާ ވަކިވާން ޖެހުމުން ބަތޮލާ ނުކައި ނުބޮއެ ހިތާމަކުރަން އޮވޭ ނޫން ހެއްޔެވެ؟ އަހަންނަށް ވެސް މިވަނީ އެހެން ކަންނޭނގެއެވެ. އެކަމަކު ހިތް ދަތިވެގެން މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއަށްވުރެ އަހަރެން މާ ބޮޑަށް ހިތްވަރު ގަދަވާނެއެވެ. މިހުރިހާ ދުވަހު ވެސް ޒިޔާނާ ވަކިން އުޅުނީއެވެ. ދެން ވެސް އުޅެވޭނެއެވެ. ޒިޔާން ބުނިފަދައިން އެއީ އަހަންނަށް ފެނުނު ރީތި ހުވަފެނެކެވެ.
ކައިވެނީގެ ހަފުލާ އޮތީ ބައްޕަގެ ރިސޯޓްގައެވެ. ހަފުލާއަށް ރިސޯޓް ތައްޔާރުކުރެވިފައިވާ ގޮތް ފުރިހަމަކަމުން ޚުދު އަހަރެން ވެސް ހައިރާންވިއެވެ. މެހުމާނުންގެ މޭޒުތައް ގޮނޑުދޮށުގެ ހުދުވެލިގަނޑު މަތީގައި ތަރުތީބުކުރެވިފައި ވާއިރު، މީރުވަސްދުވާ އުއްބައްތިތަކުން މުޅިތަން ވަނީ ހުޅުދާން ވެފައެވެ. މެހުމާނުންނާ ސަލާމްކުރަން އަހަރެން ހުންނަންޖެހޭ މަޤާމަށް ދާން ތައްޔާރު ކުރެވިފައިވާ މަގުގައި ވަނީ ރަތް ފިނިފެންމާ ފިޔައިގެ ދޫލައެކެވެ. ހަފުލާގެ ފުރިހަމަކަމުން، ނުވަތަ ހަފުލާއަށް ދަޢުވަތު ދެވުނު ބޭފުޅުންގެ ފެންވަރަކުން އަހަރެންގެ ހިތަކަށް ކުޑަ ނަމަވެސް އުފަލެއް ނުލިބެއެވެ. ފޫހިކަމާއި، ވަރުބަލިކަން މޫނުމަތިން ނުދައްކާވޭތޯ މަސައްކަތްކުރަމުން، އަހަންނަށް ވީ އެންމެ ރަނގަޅަކަށް އަހަރެންގެ ދައުރު އަދާކުރީމެވެ.
ހަފުލާ ނިމުމުން އަހަރެމެންނަށް ތައްޔާރުކުރެވިފައިވާ ކޮޓަރިއަށް ދެވުނުއިރު ވަރަށް ދަންވެއްޖެއެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. މޭނުބައިކުރާވަރުން ތަނެއްގައި ހަމަޖެހިގެން އިށީނދެވޭ ވަރެއްނުވެއެވެ. އެންމެ ފަހުން ކައިވެނީގެ ހެދުން ކޮށިކޮށްލަމުން ބާރު ހިނގުމެއްގައި ގޮސް ފާޚާނާއަށް ވަނީމެވެ. އޯކަށްދެމިގަނެވުމާއެކު، ޕާޓީ ފެށުމުގެކުރިން އަހަރެން ބޮއެގެންހުރި އޮރެންޖު ޖޫސްތަށި ހޮޑަށް ލެވުނެވެ. ހަވީރު ވީފަހުން އަހަރެންގެ އަރުން އެތެރެވީ ހަމައެކަނި އެއްޗަކީ އެއީ އެވެ.
"އަފޫ! ކިހިނެއްވީ؟ ބޮލުގައި ރިހެނީތަ؟" އަހަރެން ހޮޑުލީ އަޑު އިވުމުން ނައުޝާދު ދުވެފައި އައިސް ފާޚާނާއަށް ވަނެވެ.
އަހަންނަކީ އާންމުކޮށް ބޮލުގައި ރިހޭ މީހެކެވެ. ބަނޑުހައިވުމުން ނުވަތަ ނިދިހަމަނުވުމުން ވެސް ރިހެއެވެ. ވަރަށް ގިނަފަހަރު ރިހުން ގަދަވެގެން ހޮޑުވެސް ލެވެއެވެ. ނައުޝާދަށް އެކަން އެނގޭނެއެވެ. އޭނާ އެހެން އެހުމުން އަހަރެން ވިސްނާލީމެވެ. މިރޭ ބޮލަކު ނުރިހެއެވެ. އެކަމަކު ވަށައިގެންވާ ތަންތަން އެނބުރޭހެން ހީވެފައި، ވެއްޓިދާނެއޭ ހީވަނީއެވެ. މާބޮޑަށް ހަށިގަނޑުގެ ވަރުދެރަވާހެން ހީވަނީއެވެ.
"މިރޭ ތިއުޅެނީ އެއްވެސް އެއްޗެއް ނުކައި. ކާއެއްޗެއް ގެންނަންތަ؟" އަހަރެން ފާޚާނާއިން ނުކުތީ ނައުޝާދުގެ އެހީގައެވެ.
"މިވަރަށް ހޮޑުލަވަނިކޮށް ކިހިނެއް ކާނީ؟" ހަފުލާ ނިމިމުން ނައުޝާދު ކެއި އިރުވެސް އަހަންނެއް ނުކަމެވެ. ކާހިތް ނުވީއެވެ.
"ތީ ކުރިންވެސް ވާގޮތެއްނު؟ ގަޑިން ގަޑިއަށް ނުކަންޏާ ކަމަކުނުދާނެ!" ވަރަށް އޯގާވެރިކަމާއެކު ނައުޝާދު އަހަރެން އެނދުގައި ބޭންދިއެވެ. "ވަރަށް އަވަހަށް އެބަ އަންނަން!"
ނައުޝާދު ނުކުމެގެން ދާތަން ބަލަން އިނދެފައި އަހަރެން އެނދުގެ ހެޑްބޯޑްގައި ލެނގިލީމެވެ. އެވަގުތު ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ޒިޔާނާ އެކުގައި ހޭދަކުރެވުނު އެންމެފަހު ރެއެވެ. ޒިޔާން ދެއްކި ވާހަކަތަކެވެ. އަހަރެމެންގެ ދެމެދުގައި ހިނގާދިޔަ ކަންކަމެވެ. އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. މަޑުމަޑުން ބަނޑުގައި ކަނާއަތްތިލަ ޖައްސައިލެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ނައުޝާދެވެ.
"އިރުކޮޅަކުން ކާއެއްޗެހި ގެންނާނެ! ހެދުން ބަދަލުކޮށްގެން އޮށޯވެލަންވީނު؟" ނައުޝާދު ބުންޏެވެ.
"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" ނައުޝާދުގެ މޫނަށް ބަލަން އިނދެ، ވަރަށް އުނދަގުލުން އަހަރެން ބުނީމެވެ.
"ކިހިނެއްވީ؟ އަވަހަށް ބުނޭ!" އަހަންނާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު ނައުޝާދު އައިސް އަހަރެން ކައިރީގައި އިށީނެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ.
"މިއަދު މާ ބިޒީކޮށް އުޅުނީމަ ކަންނޭނގެ. . . ވަރަށް ބޮޑަށް ވަރުބަލިވޭ! . . . އަހަރެން އަރާމުކޮށްލަން އޮށޯވެލަންތަ؟" ވަރަށް ލަސްލަހުން އަހަރެން ބުނީމެވެ.
"އާނ! އަވަހަށް އޮށޯވޭ!" ނައުޝާދު ބާލީސް ރަނގަޅުކޮށްލުމަށްފަހު، އަހަރެންގެ ދެކޮޑުގައި ހިފަމުން ބޭއްވިއެވެ. އަދި ގައިމަތީގައި ކްއިލްޓް އަޅައިދިނެވެ.
އަހަރެންގެ ހިތަށްއެރިއެވެ. ނައުޝާދަކީ ރަނގަޅު، އޯގާވެރި ފިރިއެކެވެ. އެކަމަކު އޭގެ ބަދަލުގައި އަހަންނަށް މިދެވެނީ ކޮން އެއްޗެއް ހެއްޔެވެ؟ ކައިވެނީގެ ފުރަތަމަ ރޭ ވެސް އަހަންނަށް މި އޮވެވެނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިކަމުގެ ސަބަބުން އަހަރެން ނައުޝާދަށް އަދާކޮށްދޭންޖެހޭ ހައްޤަށް އުނިކަމެއް އަތުވެއްޖެއެވެ. މިހެންވެގެން ނުވާނެއެވެ. މިހާރު އެއީ އަހަރެންގެ ފިރިމީހާއެވެ. މިއީ އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތި އަހަރެންގެ އަމިއްލަ އިޚުތިޔާރުގައި، އަހަރެން ރުހިގެން ކުރެވުނު ކައިވެންޏެކެވެ. ލޯބި ނުވިޔަސް އަނތްބެއްގެ ވާޖިބުތައް އަހަރެން އަދާކުރަންޖެހޭނެއެވެ. އެކަމަކު މިރޭ މިނޫން އިތުރު އެއްވެސް ގޮތެއް އަހަންނަކަށް ނެތެވެ.
ކުރިން ހަމަޖެހިފައި އޮތީ ހަފުތާއެއްހާ ދުވަހު އަހަރެމެން ރިސޯޓުގައި މަޑުކުރާގޮތަކަށެވެ. އެކަމަކު އަހަރެން ބޭނުންވަނީ ވީއެންމެ އަވަހަކަށް މާލެ ދާން ކަމުން ޖެހިގެންއައި ދުވަހު އަހަރެމެންގެ ދަތުރު ކުރުކޮށްލުމަށްފަހު މާލެ ދިޔައިމެވެ. ޝައްކުން ފުރިފައިވާ އަހަރެންގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަވަސްވެފައެވެ. އަވަސްއަވަހަށް ޕްރެގްނެންސީ ޓެސްޓް ކުރާ ކިޓެއް ގަނެގެން ޓެސްޓް ކުރީމެވެ. ލިބުނު ނަތީޖާއިން އަހަރެންގެ ހިތް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. އަހަންނަށްޓަކާ މުޅި ދުނިޔެ ކުޑަވެ، ހާސްވިއެވެ. ނޭވާލުމަށް ދަތިވިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދުނިޔެ އަހަންނަށް ކުރިމަތި މިކުރުވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ ޒިޔާންގެ ލޯތްބަކީ އަހަންނަށް ފެނުނު ރީތި ހުވަފެނޭ ހީކުރާށޭ ޒިޔާން ބުންޏަސް ދެން އެހެން ހީކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ރީތި ހުވަފެން ބިރުވެރި ހަޤީގަތަކަށް ބަދަލުވެއްޖެއެވެ. ދެން ދުވަހަކު ވެސް އަހަންނަށް އެހުވަފެނަކާ ވަތްކެއް ނުވެވޭނެއެވެ. އަހަރެން ދާކޮންމެ ތަނަކަށް އަހަރެންގެ ފަސްފަހަތުން އަންނާނެއެވެ. ދެން އެންމެ ހިނދުކޮޅަކަށް ވެސް ޒިޔާންގެ ހަނދާންތައް އަހަންނާ ދުރަކަށް ނުދާނެއެވެ. އަހަރެންގެ ބަނޑުގައި މިވާ ފުރާނައަކީ ޒިޔާންގެ ލެއެވެ. ޒިޔާންގެ ދަރިއެކެވެ. އަހަރެމެން އެކަކު އަނެކަކު ދެކެ ވީ އިންތިހާ ދަރަޖައިގެ ލޯބީގެ ތެރެއިން ކުރެވުނު ފާފައިގެ ނިޝާނެވެ.
ދެން ހަދަންވީ ގޮތެއް ނޭނގިގެން އާވާރާއެއް ފަދައިން އަހަރެން ކޮޓަރިތެރޭގައި އެނބުރުނީމެވެ. އެންމެ ފަހުން އަހަންނަށް ވިސްނުނީ ޒިޔާން މިޚަބަރު ދޭށެވެ. އަހަރެންގެ ބަނޑުގައި އޭނާގެ ދަރިއަކު އޮތުމުން އޭނާ ލަމްހާއާ ވަކިވެދާނެއެވެ. އަހަރެން ކައިރިއަށް އަތުވެދާނެއެވެ. ފޯނު ނެގުމަށްފަހު ވަރަށް ފަރިތަކަމާއެކު އޭނާގެ ނަމްބަރަށް ޑައިލް ކޮށްލީމެވެ. އެކަމަކު ރިންގުވާން ފެށުމުގެ ކުރިން ފޯނު ކަނޑާލީމެވެ. މިއީ އަދި ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަންނާ ޒިޔާންގެ ލޯތްބަށް އެޅިފައިވާ ހުރަހަކީ ހަމައެކަނި ލަމްހާއެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ދޭތެރޭގައިވާ ހަސަބާއި ނަސަބުގެ ތަފާތަކީ ވެސް ވަކި ކުޑަ ސަބަބެއް ނޫނެވެ. ބައްޕަ އަށް ވިސްނައިދޭން ނުވަތަ ބައްޕަ ރުއްސަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހިނި ފަރުބަދަ ކެނޑިޔަކަސް އަހަންނަކަށް ނުކެނޑޭނެއެވެ. އަހަރެންގެ އެހާ ހިތްވަރެއް ނެތެވެ. ބައްޕަ އަށް މިކަން އެނގިއްޖެނަމަ ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެއެވެ. މި ދަރިފުޅުނު ދުނިޔެއަށް އުފަންކުރުމަށް ވެސް ހުރަސްއަޅާކަށް ފަހެއް ނުޖެހޭނެއެވެ. އެހެން ވާކަށް އަހަރެން ނޭދެމެވެ. މިއީ އަހަރެންގެ އަލަތު ދަރިފުޅެވެ. އަހަރެން ޒިޔާން ދެކެވާ ތެދުވެރި ލޯބީގެ ނިޝާނެވެ. މިހާރުވެސް މި ދަރިފުޅުގެ މައްޗަށް އަހަރެންގެ ހިތް ލޯބިން ފުރިއްޖެއެވެ.
އެންމެފަހުން އަހަރެން ގޮތެއް ނިންމީމެވެ. މި ހަޤީގަތް މުޅި ދުނިޔެއަށް ސިއްރުކުރުން އެއީ އަހަންނާއި މި ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރީމެވެ. ނަމަވެސް އެއީ ނައުޝާދަށް ވެވޭ ހާދަ ބޮޑު ބޭއިންސާފެކެވެ. މިހާރު އަހަރެމެންގެ ކައިވެނި ވެސް ޞައްހައެއް ނުވާނެއެވެ. އޭނާ އަކީ އަހަންނަށް ހިލޭ މީހެކެވެ. އެކަމަކު ދުނިޔޭގެ ލަދާއި ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެން މިދަރިފުޅު އުފަންކުރަން ބޭނުމެވެ. އަހަންނަށް ހަމައެކަނި އޮތް ގޮތަކީ ނައުޝާދާ އެކު ދިރިއުޅުމެވެ. މުޖުތަމައު ދެމަފިރިންނަށް ދޭ އިޚުތިޔާރާއި، އިޚުތިރާމު ލިބޭނީ އޭރުންނެވެ.
މީހުން ބުނާނެއެވެ. އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ. އެއީ ތެދެކެވެ. ޚުދު އަހަރެން ވެސް އެކަން ގަބޫލުކުރަމެވެ. ނައުޝާދާ ކައިވެނިކުރަން ރުހިގެން ހުރެ، އަހަރެންގެ ހިތް ޒިޔާންގެ މައްޗަށް ދޫކޮށްލީއެވެ. ޒިޔާނާ އެކު ލޯބީގެ އައްސޭރިއަކަށް ގޮސް ލޯބީގެ ފޮނިކަން ލިބިގަތީއެވެ. އެންމެ ފަހުން އެލޯބިން ލިބުނު ހިތްދަތިކަން ފިލުވައިލުމަށް ނައުޝާދުގެ ބޭނުން ނަހަމަގޮތުގައި ކުރެވެނީއެވެ. އަހަންނަށް ކުރެވުނު ފާފަ ވަންހަނާކުރުމަށް ނައުޝާދު ނިވާފަތްގަނޑަކަށް ބޭނުން ކުރެވެނީއެވެ. އަހަރެން ދެރަވެއެވެ. އެކަމަކު މި ނޫން ގޮތެއް ނެތީއެވެ.
*** ނުނިމޭ ***
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް