ފްރާންސްގެ ސުޕާމާޓްތަކަށް ސައިބާ ހަމަލާއެއްދީ ފްރިޖުތަކުގެ ފިނިހޫނުމިން މަތިކޮށްފި، ކާބޯތަކެތި ހަލާކުވެ އަލިފާން ރޯވި
ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބަރ ހަމަލާއެއްގައި، ފްރިޖްތަކާއި ފްރީޒަރުތަކުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ޑިގްރީ ފަރެންހައިޓް) އަށް މަތިކޮށްފި އެވެ.
ފްރާންސްގެ އެންމެ ބޮޑެތި ރީޓެއިލް ކުންފުނިތައް ކަމަށްވާ އިންޓަމާޝޭ، ކޯޕަރޭޓިވް ޔޫ، އީ ލެކްލެރް އަދި އެހެނިހެން ކުންފުނިތަކުން ހޯމަ ދުވަހު ވަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ "އާދަޔާޚިލާފު" ސައިބަރ ހަމަލާ އެތަންތަނަށް އަމާޒުވިކަން ކަށަވަރުކޮށްދީފައި އެވެ.
ބައެއް ކުންފުނިތަކުން ވަނީ އެ ތަންތަނުގެ 300 އަދި 100 އަށްވުރެ ގިނަ ފިހާރަތަކަށް މި ހަމަލާ އަމާޒުވިކަމަށް ބުނެފައި އެވެ. އަދި ހަމަލާތަކުގެ ސަބަބުން ފިނިހޫނުމިން މަތިވެ ފްރީޒަރުގައި ހުރި ކާބޯތަކެތި ހަލާކުވެ ބައެއް ފިހާރަތަކުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހެކަރުން ދުރުގައި ތިބެގެން ޓެމްޕަރޭޗަރާއި ކުޅެ ފިނި ކުރާ ނިމާޒަށް ހަމަލާދީ ގަނޑުފިލާ ވަރަށް ޓެމްޕަރޭޗާ ބަދަލު ކުރި ކަމަށެވެ. އޭގެ ސަބަބުން ތާޒާ އަދި ގަނޑުކޮށްފައި ހުރި ތަކެތީގެ ސްޓޮކްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މި ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރެއިން ފެށިގެންނެވެ.
ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ މި "ބޮޑު" ހަމަލާ އަމާޒުވެފައިވަނީ "ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ އިންޓަނެޓާ ގުޅިފައިވާ ފްރިޖްތަކަށް" ކަމަށެވެ. މި މައްސަލަ ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަން ވަނީ ހާމަކޮށްފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެހެން ގައުމުތަކަށް ވެސް މި ހަމަލާގެ އަސަރު ކޮށްފާނެތީ ފްރާންސުން ދަނީ ޔޫރަޕްގެ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ފްރާންސްގެ އެހެން ކުންފުނިތަކަށް މިފަދަ ނުރައްކަލެއް އޮތްތޯ ބެލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މުޅި ސިނާއަތަށް ލިބުނު ގެއްލުމުގެ އަދަދު އަދި ނޭނގުނު ނަމަވެސް، ލަފާ ކުރާ ގޮތުގައި މުޅި ގައުމަށް އެއް ދުވަހުން 10 މިލިއަން ޔޫރޯގެ ގެއްލުންވާނެ ކަމަށެވެ.