Advertisement

ފޯބްސްގެ އެންމެ ހަރުދަނާ އަދި ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

13 Oct 2026 | 09:15
ބޭންކް އޮފް މޯލްޑިވްސް --

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.

މިއީ މާކެޓް ރިސާޗް ކުރާ ކުންފުންޏެއް ކަމަށްވާ ސްޓެޓިސްޓާއާ ގުޅިގެން ފޯބްސްއިން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިންގ ބޭންކްސް" ލިސްޓެވެ.

Advertisement

މި ރޭންކިންގ ބިނާކޮށްފައިވަނީ ބޭންކުތަކުގެ މާލީ ހިސާބުތަކާއި، ފައިދާލިބޭ މިންވަރާއި، ކުރިއެރުމާއި، އަދި ރައުސްމާލުގެ ހަރުދަނާކަމުގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ ސައްހަ މާލީ ތަފާސްހިސާބުތަކުގެ މައްޗަށެވެ.

ބީއެމްއެލް މި ލިސްޓުގައި ހިމެނިފައިވަނީ ދުނިޔޭގެ 89 ގައުމަކުން ހޮވާލެވުނު އެންމެ މުހިންމު 500 ބޭންކުގެ ތެރޭގައެވެ. މި ލިސްޓަށް ބޭންކުތައް ހޮވުމުގައި މައިގަނޑު ހަތަރު ދާއިރާއަކަށް ވަނީ ބަލާފައެވެ. އެއީ ބޭންކަށް ފައިދާލިބޭ މިންވަރާއި، އާމްދަނީގެ ފެންވަރާއި، ރައުސްމާލާއި ފަންޑު ހޯދުމުގެ ހަރުދަނާކަން، އަދި އެސެޓްތަކުގެ ފެންވަރާއި ހިންގުންތެރިކަމެވެ.

ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ.

ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ.

މި ޝަރަފާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ލިސްޓެއްގައި ހިމެނުމަކީ ބޭންކުގެ ހިންގުންތެރިކަމާއި މާލީ ހަރުދަނާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައިވެސް އެ ބޭންކުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް