Advertisement

މެލޭޝިއާގައި ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓުގެ ޑްރައިވަރު ކޯޓުގައި ކުށަށް އިންކާރުކޮށްފި

08 Oct 2026 | 17:33
-

މެލޭޝިއާގައި މަސްތުގެ ހާލުގައި ކާރު ދުއްވައި ދިވެހި ދަރިވަރު އާމިނަތު އިމީލީ ނާޒިމް މަރުވި އެކްސިޑެންޓާ ގުޅިގެން ތިން ދައުވާއެއް އުފުލުނު އީ-ހެއިލިން ޑްރައިވަރު މުހައްމަދު ޝަފީގު އިބްރާހީމް މިއަދު ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓުގައި ހުރިހާ ދައުވާއަކަށް އިންކާރުކޮށްފިއެވެ.

އުމުރުން 37 އަހަރުގެ މުހައްމަދު ޝަފީގުގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ މެތަމްފެޓަމީންގެ އަސަރުގައި ހުރެ ޕެރޮޑުއާ އެޓީވާ ކާރެއް ދުއްވައި ޓެއިލާޒް ޔުނިވާސިޓީގެ ދަރިވަރެއް ކަމުގައިވާ އިމީލީ މަރުވާން މެދުވެރިވި ހާދިސާގެ ދައުވާއެވެ. ދެވަނަ ދައުވާ ބިނާވެފައި ވަނީ ހަމަ އެ މަސްތުވާއެއްޗެއްގެ ނުފޫޒުގައި ހުރެ ދުއްވުމުގެ ސަބަބުން ކާރުގައި އިން އުމުރުން 22 އަހަރުގެ އެހެން ދިވެހި ދަރިވަރެއް ކަމުގައިވާ އާއިޝަތު ސާރާ ނިޒާމަށް އަނިޔާވި މައްސަލައިގެ މައްޗަށެވެ. ތިންވަނަ ދައުވާއަކީ ފަރުވާކުޑަ ގޮތެއްގައި ދުއްވައި އެހެން އުޅަނދެއްގައި ޖެހި އާއިޝަތު ސާރާއަށް ގެއްލުން ލިބުނު ކަމުގެ ދައުވާއެވެ. ފުރަތަމަ ދެ ދައުވާ ހުށަހެޅީ 1987 ވަނަ އަހަރުގެ ރޯޑް ޓްރާންސްޕޯޓް ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުންނެވެ.

Advertisement

މި ހާދިސާ ހިނގާފައި ވަނީ އޮކްޓޫބަރު ހަތަރެއްގެ ރޭ ގާތްގަނޑަކަށް 8:40 ގައި ޑެމަންސާރާ-ޕޫޗޮން ހައިވޭގައި ޕޫޗޮން ސެލެޓާން ޓޯލް ޕްލާޒާ ކައިރީގައެވެ.

ކުށް ސާބިތުވެއްޖެ ނަމަ ފުރަތަމަ ދައުވާގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމަކާއި 50,000 ރިންގިޓާއި 100,000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ. ދެވަނަ ދައުވާގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމަކާއި 30,000 ރިންގިޓާއި 50,000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެކެވެ. ތިންވަނަ ދައުވާގައި ގިނަވެގެން 12 މަހުގެ ޖަލު ހުކުމާއެކު 5,000 ރިންގިޓާއި 10,000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

ދައުލަތުގެ ފަރާތުން ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓާ އާލިޔާ އަނީސާ ހައިރުސް މަސްނާން ކޮންމެ ދައުވާއަކަށް 10,000 ރިންގިޓުގެ ކަފާލާތެއް ކަނޑައެޅުމަށް އެދުނެވެ. ނަމަވެސް ދިފާއީ ވަކީލު ރޯހަން ސިންގް ވަނީ ކަފާލާތު ކުޑަކޮށްދިނުމަށް އެދިފައެވެ. ރޯހަން ބުނީ އޭނާގެ މުވައްކިލަކީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2,000 ރިންގިޓް ލިބޭ އީ-ހެއިލިން ޑްރައިވަރެއް ކަމަށާއި، އުމުރުން ތިން އަހަރާއި ހަތަރު އަހަރުގެ ދެ ދަރިންނާއި އަންހެނުންގެ އިތުރުން ނޭވާ ހިއްލުމުގެ ބައްޔަށް ފަރުވާ ހޯދާ އުމުރުން 63 އަހަރުގެ މައިމީހާ ބެލެހެއްޓުމުގެ ޒިންމާ އޭނާގެ ބޮލުގައި އޮންނަ ކަމަށެވެ.

"އޭނާ ފިލަން މަސައްކަތެއް ނުކުރެއެވެ. ކަފާލާތުގެ ޒިންމާ ނަގަން ހުށަހެޅި ފަރާތަކީ އޭނާގެ އަނބިމީހާއެވެ. ކުރިއަށް ހުރި ކޯޓު އަޑުއެހުންތަކަށް ހާޒިރުވާނެ ކަން އޭނާ ކަށަވަރުކޮށްދޭނެއެވެ،" ރޯހަން ބުންޏެވެ.

މެޖިސްޓްރޭޓް މުހައްމަދު ޝަފީގު ސުލައިމާން ވަނީ ކޮންމެ ދައުވާއަކަށް 3,000 ރިންގިޓުގެ ކަފާލާތެއް، ޖުމުލަ 9,000 ރިންގިޓަށް، ދީގެން ދޫކޮށްލުމަށް ނިންމައި، މައްސަލައިގެ ނިޔާ ކަނޑައެޅެން ދެން އޭނާގެ ލައިސަންސް ސަސްޕެންޑު ކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގެ ދެން އޮތް އަޑުއެހުން ޑިސެމްބަރު މަހުގެ އަށެއްގައި ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

Advertisement

ކޮމެންޓް