މާހިދާ މަރުވި އެކްސިޑެންޓުގައި މާހު ސައިކަލު ދުއްވީ މަސްތުގެ ހާލަތުގައި ހުރެ
މާލޭ ސޯސަން މަގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަންހެނަކު ނިޔާވި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ބަންދުކޮށްފައި ވަނީ ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަންއެވެ. ފަރުވާކުޑަ އަމަލަކުން މީހަކު މަރުވުމުގެ ތުހުމަތުގައި އެންމެ ފުރަތަމަ އޭނާ ބަންދުކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީއެވެ.
ފުރަތަމަ ބަންދު އަމުރުން އެނގޭ ގޮތުގައި މާހު ސައިކަލު ދުއްވީ މަސްތުގެ ހާލަތުގައި ހުރެ، ލައިސަންސް ނެތި، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރި ގޮތެއްގައެވެ. އެ ގޮތަށް ދުއްވަނިކޮށް އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި، ޖެހުނު ސައިކަލުގެ ފަހަތުގައި އިން ށ. ފޯކައިދޫ، މަގުމަތީގޭ، އުމުރުން 26 އަހަރުގެ އާއިޝަތު މާހިދާގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުގައި ހަތަރު ދުވަހު ފަރުވާ ދިނުމަށް ފަހު ވެސް ހާލު ރަނގަޅު ނުވެ، މިދިޔަ މަހުގެ 25 ވަނަ ދުވަހު މާހިދާ ވަނީ ނިޔާވެފައެވެ. މާތް ﷲ މާހިދާއަށް ރަހްމަތް ލައްވާށިއެވެ.
ހައްޔަރުކުރުމުން މާހު ވަނީ އެ އެކްސިޑެންޓުގައި އޭނާއަށް ވެސް އަނިޔާވެފައިވާ ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. ނަމަވެސް ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެހެންވެ ގާޒީ އިބްރާހީމް ޒިހުނީ ވަނީ، ވަކީލަކާ ނުލައި ދައްކާ ވާހަކައަކީ މާހުއާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާހަކަތައް ކަމާއި ހަނުހުރުމުގެ ހައްގު ލިބިގެންވާ ކަން ހަނދާންކޮށްދެއްވައިފައެވެ.
އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ އަދަބަކީ 25،000ރ. އާއި 100،000ރ. އާ ދެމެދުގެ ޖޫރިމަނާއެކެވެ. އެފަދަ ކުށެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ ޖޫރިމަނާ 100،000ރ. އާއި 500،000ރ. އާ ދެމެދަށް ބޮޑުވެއެވެ. މީގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ވެސް ކުރެވޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އެކްސިޑެންޓާ ހަމައަށް މި އަހަރު އެކަނި ވެސް ހަތަރު ފަހަރެއްގެ މަތިން ލައިސަންސް ނެތި ދުއްވައިގެން މާހު ހިފަހައްޓައި ޖޫރިމަނާކޮށްފައިވެއެވެ.