ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުރަމަތީގެ ކެންސަރު ދެނެގަތުން އިތުރު ކުރަން ޖެހޭ: ފަސްޓް ލޭޑީ
ޒަމާނީ ޓެކްނޮލޮޖީއާއި ތަޖުރިބާކާރުންގެ އެހީގައި އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.
އެކަމަނާ އެކަން ފާހަގަ ކުރެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ހަތް ވަނަ އަހަރީ ސިމްޕޯޒިއަމް އިފުތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، އުރަމަތީގެ ކެންސަރަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. ބަލީގެ ފެށޭ ދައުރުގައި ފެންނަ ކުދި ބަދަލުތައް ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެ ގޮތްތަކާ ބެހޭ ގޮތުން އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ. އެފަދަ ޒަމާނީ ވަސީލަތްތަކުން ފައިދާ ނެރެވޭނީ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތް މެދުނުކެނޑި ތަރައްޤީކޮށްގެން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ދިމާވާ ހުރަސްތަކަށް އިޝާރާތްކުރައްވައި ސާޖިދާ ވިދާޅުވީ، ރަށެއް އެކަހެރިކޮށް އޮތުމަކީ ފަރުވާގެ ފެންވަރު ނުވަތަ ޚިދުމަތް ލިބުމުގެ އަވަސްމިން ކަނޑައެޅޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށެވެ. ރިފަރަލް ނިޒާމު ހަރުދަނާކޮށް، ޚާއްޞަ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.
ފަރުވާ ލިބެމުންދާ އަދި ފަރުވާ ފުރިހަމަކޮށްފައިވާ އަންހެނުންނާއި، މި ބަލީގެ ސަބަބުން ލޮބުވެތި މީހުން ގެއްލިފައިވާ ޢާއިލާތަކުގެ އިޙްސާސްތައް ދެނެވަޑައިގަންނަވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާއި، ބަލިމީހުންނާ މެދު އޯގާތެރިކަމާ އެކު މުޢާމަލާތްކުރުމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުންތެރިކަމަށް ވެސް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.
ވާހަކަފުޅު ނިންމަވައިލައްވަމުން، ކެންސަރުގެ ބިރާ ހެދި ޑޮކްޓަރީ ލަފައާއި ސްކްރީނިންގ ލަސްނުކުރުމަށް ސާޖިދާ ކަނބަލުންނަށް އިލްތިމާސްކުރެއްވިއެވެ. ބަލި އަވަހަށް ދެނެގަނެވިއްޖެ ނަމަ ފަރުވާގެ ފުރުޞަތު ފުޅާވެ، ބަލިން ފަސޭހަވުމުގެ އުންމީދު ބޮޑުވާނެ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔައީ "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެންސަރ ކެއަރ" މި ޝިޢާރުގެ ދަށުންނެވެ.