Advertisement

އިޒްރޭލު ސަރަހައްދަށް ފްލައިދުބާއީގެ ފްލައިޓު ވަތްނަމަ ވައްޓަލަން ނަތަންޔާހޫ އަމުރުކުރި!

06 Oct 2026 | 13:12
ފްލައި ދުބާއީގެ ފްލައިޓެއް --

ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓުގައި ކޯ-ޕައިލެޓް ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓައިލަން މަސައްކަތް ކުރި ހާދިސާގައި އެ ބޯޓުގައި އިޒްރޭލުގެ 150 އަށް ވުރެ ގިނަ މީހުން ތިބި ނަމަވެސް އިސްރާއީލުގެ ވައިގެ ސަރަޙައްދަށް ބޯޓު ވަދެއްޖެ ނަމަ ވައްޓައިލުމަށް އިޒްރޭލު ތައްޔާރަށް ތިބި ކަމަށް ސީބީއެސް ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.

މިކަން ސީދާ އެނގޭ އިޒްރޭލުގެ ދެ މަސްދަރަކާ ހަވާލާދީ ސީބީއެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓު 14000 ފޫޓަށް ވެއްޓުމާ އެކު އިޒްރޭލުގެ ވައިގެ ސިފައިން ކޮކްޕިޓާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް ޖަވާބެއް ނުލިބުނެވެ. އެ ހިސާބުން ކުއްލި ޙާލަތްތަކަށް އެކުލަވައިލެވިފައި އޮތް ކޮމިޓީ ވަގުތުން ބައްދަލުކޮށް ކޮމާންޑް ސެންޓަރެއް ޤާއިމުކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement

އެއާ އެކު ފައިޓާ ޖެޓްތައް ވައިގެ ތެރެއަށް ފޮނުވައި އިސްރާއީލުގެ ވައިގެ ސަރަޙައްދު ބަންދުވެސް ކުރިއެވެ. ބޯޓުގައި އެ ހާދިސާ ހިނގި ދުވަހުވެސް އިޒްރޭލުން ފައިޓާ ޖެޓު ފޮނުވި ހަބަރު އާންމުވި އެވެ.

ނަމަވެސް ބޯޓު އިސްރާއީލާ 400 މޭލު ދުރުން ސަޢޫދީ ޢަރަބިއްޔާއާ ދިމާއަށް މިސްރާބު ބަދަލުކުރުމާ އެކު ސަޢޫދީން އެ ޤައުމުގެ ޖެޓްތައް ފޮނުވީ ކަމަށާއި އެ ހިސާބުން އިޒްރޭލުން ޖެޓްތައް އަނބުރައި ގެންދިޔަ ކަމަށް ވެއެވެ. ބޯޓު ތެރޭގައި ކެޕްޓަން ވަނީ ކޯ-ޕައިލެޓާ ކުރިމަތިލައި ކޮކްޕިޓް ދޮރު ހުޅުވައި އިޒްރޭލުގެ ޢާންމުންގެ ބަޔަކާއި ފްލައިދުބާއީގެ އޮފިޝަލުން ގުޅިގެން ކޯ-ޕައިލެޓް ހިފަހައްޓައިފައެވެ.

އެއަށް ފަހު ބޯޓުގައި އޮފް-ޑިއުޓީގައި ތިބި ދެ ޕައިލެޓުން ކޮންޓްރޯލް ނަގައި ސަޢޫދީގެ ތަބޫކަށް އިމަޖެންސީގައި ބޯޓު ޖެއްސީއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުގައި 9/11 ފަދަ ޙާދިސާތަކަށް ތައްޔާރުވެ އޮންނަ ޚާއްޞަ އުސޫލެއް އޮންނައިރު އެ އުސޫލުގައި ވާ ގޮތުން ނުރައްކާތެރި ގޮތަކަށް ކައިރިވާ ބޯޓެއް ވައިގެ ތެރެއިން ވައްޓައިލެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ނިންމުން ނިންމެނީ ހަމައެކަނި ބޮޑުވަޒީރުގެ ހުއްދައާ އެކުގައެވެ. އެހެން ކަމުން އެ ނިންމުމަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެންގުމަށް ނިންމި ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.

ސީބީއެސް ނިއުސް އަށް މަޢުލޫމާތު ދިން މަސްދަރުތައް ބުނީ އެފަދަ ބޯޓެއް އިޒްރޭލުގެ އުސް ޢިމާރާތެއް ކަމަށްވާ އަޒްރިއޭލީ ބިލްޑިންގްތަކަށް ނުވަތަ އެއާޕޯޓަށް ނުވަތަ މުހިންމު އެހެން ތަނަކަށް ވައްޓައިލައިގެން އެތައް ސަތޭކަ ބަޔަކު މެރުމަށް ވުރެ ފަސިންޖަރުން ގޮވައިގެން ދާ ބޯޓު ވައްޓައިލުން ރަނގަޅު ކަމަށް ބެލެވޭނެ ކަމަށެވެ.

ޔޫއޭއީން ހިންގާ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ހަމަލާ ދިން ކޯ-ޕައިލެޓް ޢުމާނުގެ ރައްޔިތެއް ކަމަށްވާ ހަމާމް އަލް ހަމާމީ ފްލައިދުބާއީގައި ވަޒީފާ އަދާކުރުމުގެ ކުރިން ވެސް މި ހަމަލާ ރާވައިފައިވެއެވެ. އޭނާ ގަސްދުކުރީ ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓައިލުމަށް ކަމަށާއި މީގެ ކުރިން ވެސް އޭނާ އިޒްރޭލަށް ދަތުރުކޮށްފައިވާ ކަމަށް އޮފިޝަލަކު ބުނެފައިވެއެވެ.

އިޒްރޭލުގެ ތަޙުޤީޤުތަކުން މިހާތަނަށް ފެންނަ ގޮތުގައި މި ހައިޖެކް ކުރުމަކީ ކޯ-ޕައިލެޓް އެހެން އެއްވެސް ބަޔަކާ ގުޅުމެއް ނެތި އަމިއްލައަށް ދޭން އުޅުނު ހަމަލާއެއް ކަމަށް ސީބީއެސް އިން އެކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ތަޙުޤީޤު ވެސް އަދި ކުރިއަށް ދާ ކަމަށް މަސްދަރުތައް ބުނެއެވެ.

Advertisement

ކޮމެންޓް