Advertisement

ޖިނާއީ ކުށުން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލު މަޖިލީހަށް ހުށަހަޅައިފި

06 Oct 2026 | 12:41
ފޮޓޯ: މަޖިލީސް

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހެޅުއްވި މި ބިލުގެ ޒަރީޢާއިން ކުށްކޮށްގެން ލިބޭ މާލީ މަންފާ ބޭނުންކުރެވޭނެ މަގުތައް ބަންދުކޮށް ނުޙައްޤުން ހޯދާ މުދާ ކުށްވެރިންގެ އަތުން ނެގުމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެވޭނެއެވެ. މި ނިޒާމުގެ ތެރެއިން ކުށް ސާބިތުވެއްޖެ ނަމައި އަދި ވަކި އިސްތިސްނާ ޙާލަތްތަކުގައި ކުށް ސާބިތުނުވާ ޙާލަތުގައި ވެސް މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅޭނެއެވެ. އޭގެ އިތުރުން ކުށުން ހޯދާ މުދާ ހިފެހެއްޓުމާއި ހިފެހެއްޓޭ މުދާ ބެލެހެއްޓުމާއި ބޭރު ޤައުމުތައް މެދުވެރިކޮށް މުދާ ނެގުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމެނިފައިވެއެވެ.

Advertisement

ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑްރިންނާއި ޓެރަރިޒަމާއި މީހުން މެރުމުގެ ކުށާއި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މީހުން ޓްރެފިކްކުރުމާއި ޖިންސީ ގޯނާއާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހިމެނެއެވެ. އެއާ އެކު 500,000 ރުފިޔާއަށް ވުރެ މަތީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކާއި 100,000 ރުފިޔާއަށް ވުރެ މަތީ ފޭރުމުގެ ކުށްތައް ވެސް ބިލުގެ ދާއިރާގައި ހިމެނިފައިވެއެވެ.

ކުށް ސާބިތުނުވެ ވެސް މުދާ ނެގޭ ޙާލަތްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެ ޙާލަތްތަކުގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތް މަރުވުމާއި ފިލައިގެން އުޅުމާއި ދައުވާކުރެވޭނެ ތަނެއް ނެތުން ހިމެނެއެވެ. އެ ފަދަ ޙާލަތެއްގައި މަދަނީ މިންގަނޑުން އެއީ ކުށްކޮށްގެން ހޯދާފައިވާ މުދާކަން ސާބިތުކޮށްދެވޭ ނަމަ ސިވިލް ރިސްޓްރެއިންޓް އަމުރެއް ނުވަތަ ސިވިލް ފޯފީޗަރ އަމުރެއްގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލަށް އެ މުދާ ހިފެހެއްޓުން ނުވަތަ ދައުލަތަށް ނެގުމުގެ ބާރު ލިބިދެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް މި ބިލުން މަގު ފަހިކޮށްދީފައިވެއެވެ. ބޭރު ޤައުމުތަކުގައި ހުރި ކުށުގެ މުދާ ހިފެހެއްޓުމަށް ނުވަތަ ނެގުމަށް ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ބައިނަލްއަޤުވާމީ އެހީ ހޯދޭނެ ގޮތާއި ރާއްޖޭގައި ހުރި ބޭރުގެ ފަރާތްތަކުގެ ކުށުގެ މުދާ ހިފެހެއްޓުމުގައި އެހެން ޤައުމުތަކަށް އެއްބާރުލުން ދިނުމުގެ އުސޫލު ވެސް ބިލުގައި ކަނޑައެޅިފައިވެއެވެ. މި ޤާނޫނު ހިނގާނީ ރާއްޖޭގައި ތިބި ދިވެހިންނާއި ބޭރު މީހުންނާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ އިތުރުން ރާއްޖޭގައި ހުރި އެންމެހައި މުދަލެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް