Advertisement

އެމެރިކާއިން މިޞްރާއި ކުވެއިތާއި ޔޫއޭއީއަށް 2.27 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފި

06 Oct 2026 | 10:18
އެމެރިކާގެ އަސްކަރިއްޔާގެ ތަމްރީން ތަކެއްގެ ތެރެއިން --

މެދުއިރުމަތީގެ ތިން ޤައުމަކަށް ޖުމްލަ 2.27 ބިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު ވިއްކުމަށް އެމެރިކާގެ ފޮރިން މިނިސްޓްރީން ހުއްދަ ދީފިއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ޑީލަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިއްކުމަށް ހަމަޖެހިފައިވާ 1.041 ބިލިއަން ޑޮލަރުގެ ހަތިޔާރެވެ. އޭގެ ތެރޭގައި ހިމެނެނީ އެޑްވާންސްޑް ޕްރިޝަން ކިލް ވެޕެން ސިސްޓަމް-2 ގެ ގައިޑެންސް ސެކްޝަންތަކާއި ގުޅޭ ސާމާނެވެ.

Advertisement

އެމެރިކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން ޔޫއޭއީން ވައިގެ މަތީ އަމާޒުތަކަށާއި ބިމުގެ އަމާޒުތަކަށް ހަމަލާ ދެވޭ ގޮތަށް 10000 ގައިޑެންސް ސެކްޝަން ގަތުމަށް ހުށަހަޅާފައިވެއެވެ.

މިޞްރަށް ވިއްކުމަށް ހުއްދަ ދީފައިވަނީ 832 މިލިއަން ޑޮލަރުގެ ޖެވެލިން މިސައިލް ސިސްޓަމްތަކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިޞްރުން ގަތުމަށް ހުށަހެޅީ 2020 ޖެވެލިން އެފްޖީއެމް 148 އެފް މިސައިލާއި 200 ޖެވެލިން ލައިޓްވެއިޓް ކޮމާންޑް ލޯންޗް ޔުނިޓެވެ.

މީގެ އިތުރުން ކުވެއިތަށް 400 މިލިއަން ޑޮލަރުގެ ޕެޓްރިއެޓް މިސައިލް މަރާމާތުގެ ޚިދުމަތާއި ގުޅޭ ސާމާނު ވިއްކުމަށް ވެސް ހުއްދަ ދީފައިވެއެވެ.

މި ހަތިޔާރުގެ ޑީލްތައް ހުއްދަކޮށްފައި މިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމައަށް ހަތް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ ބަޙްރައިނާއި ޤަޠަރާއި ޔޫއޭއީއާއި ކުވެއިތާއި ޢުރުދުނާއި ސަޢޫދީ ޢަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދީފައެވެ.

ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަން އިއާދަކުރުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ފެރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ދާއިމީ ނިންމުމަކާ ނުލައި އެ އެއްބަސްވުން އޮގަސްޓް މަހު ހަމަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

ކޮމެންޓް