Advertisement

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ އަމްފާގެ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

02 Oct 2026 | 14:25
-

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ހާއްސަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

"މައިންޑް މެޓާސް: ވާރލްޑް މެންޓަލް ހެލްތު ޑޭ 2026" ނަމުގައި ރޭ 8:30 އިން 10:00 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވައިލީ ނަފްސާނީ ސިއްހަތުގެ ދާއިރާގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރު ފަރާތްތަކުގެ ހަޔާތީ ތަޖުރިބާގެ އަހަންމިއްޔަތުކަމުގެ މައްޗަށެވެ. ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް ރެކޯޑު ކުރައްވާފައިވާ ބަޔާނަކުން ވެބިނާ ފައްޓަވައިދެއްވި އިރު އެ ބަޔާނުގައި ނަފްސާނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި އަމްފާގެ މަސައްކަތަށް ތައުރީފު ކުރައްވާފައިވެއެވެ.

Advertisement

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިހޭވިއަރަލް ސައިންސް ޑިޕާޓްމަންޓުގެ ސީނިއާ ލެކްޗަރާ ފާތިމަތު ނަހުލާ މޮޑަރޭޓުކޮށްދެއްވި މި ވެބިނާގެ ޕެނަލުގައި ތިއްބެވީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން ޑރ. އާއިޝަތު ޝާނޫރާއި ގައުމީ ނަފްސާނީ ސިއްހަތުގެ މަރުކަޒުގެ ލީޑް ސޯޝަލް ވޯކަރ ފާތިމަތު ސޯފިޔާ ރަޝީދާއި އެ މަރުކަޒުގެ ސީނިއާ ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޑރ. އާރިފް މުހައްމަދެވެ.

ޑރ. އާރިފް ވިދާޅުވީ ފަރުވާއާ ގުޅޭ ނިންމުންތައް ނިންމާ މަރުހަލާގައި ބަލިމީހުންނާއި އެ މީހުން ބެލެހެއްޓުމުގައި ޝާމިލުވާ ފަރާތްތައް ބައިވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހިދުމަތް ތަރައްގީކުރުމާއި ބަލިން ރައްކާތެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ނިޒާމުތައް ބައްޓަންކުރުމުގައި ވެސް އެ ފަރާތްތަކުގެ ތަޖުރިބާ ހިމެނުން މުހިންމު ކަމަށް ވިދާޅުވިއެވެ. ސޯޝަލް ވޯކަރ ފާތިމަތު ސޯފިޔާ ރަޝީދު ވިދާޅުވި ގޮތުގައި ނަފްސާނީ ދައްޗެއް ކުރިމަތިވެއްޖެ ނަމަ އިންސާނާގެ ދިރިއުޅުމުގެ ތަފާތު ދާއިރާތަކަށް އޭގެ އަސަރު ފޯރައެވެ. އެ އަސަރުތައް ކެތްތެރިކަން އިތުރުކޮށްދޭ ނުވަތަ ހާސްކަން ބޮޑުކުރުވާ ކަމަކަށް ވެދާނެ ކަމުން ފަރުދީ މުޖުތަމައީ އަދި ގައުމީ ފެންވަރުގައި ފިޔަވަޅު އެޅުން ލާޒިމުވާ ކަމަށާއި ޕްރޮގްރާމްތައް ފަރުމާކުރާ އިރު ނަފްސާނީ ދަތިތައް ތަހައްމަލުކުރާ ފަރާތްތަކުގެ އަޑު ހިމެނުމަށް ބާރުއެޅުއްވިއެވެ.

މިދިޔަ އަހަރު ވެސް ހަމަ މި ދުވަހާ ގުޅުވައިގެން އަމްފާއިން ވެބިނާއެއް ބާއްވާފައިވާ އިރު މި އަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް އެންމެ ފުރަތަމަ ހަރަކާތެއް ހިންގި ޖަމިއްޔާއަކީ ވެސް އަމްފާއެވެ.

Advertisement

ކޮމެންޓް