ގައްޒާގައި އިޒްރޭލުން ހިންގާ ގަތުލްއާންމުގެ ބޮޑުމިން ގޫގުލް މެޕުން މިހާރު ބެލޭނެ: އެންޖެލީނާ
އިސްތިއުމާރީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބޮޑުމިން ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި ހޮލީވުޑްގެ ތަރި އަދި ކުރީގެ އދ. ގެ ހާއްސަ މަންދޫބު އެންޖެލީނާ ޖޯލީ ހާމަކޮށްދީފިއެވެ.
އެންޖެލީނާ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓުގައި ހަނގުރާމައިގެ ކުރީގެ ޣައްޒާގެ ތަންތަނާއި މިހާރު ފެންނަ ގޮތް އަޅައިކިޔައިދޭ ތަސްވީރުތައް ހިމަމަނާފައިވެ އެވެ. ރަފަޙް ސިޓީގެ އަލް ޤާދިސިއްޔާ ސްކޫލް ކައިރީ ސަރަޙައްދާއި ޣައްޒާގެ ދެކުނުން ޚާން ޔޫނިސް އާއި ޣައްޒާ ސިޓީގެ ޢުމަރު މުޚްތާރު މަގު ހިމެނޭ ސަރަޙައްދުތައް ކުރިން ބެރެވެރި ޢިމާރާތްތަކުން ފެންނައިރު މިހާރު ފެންނަނީ ބިމާ ހަމަވެ ސުންނާފަތިކޮށްފައިވާ ކަޅު މަންޒަރެއް ކަމަށް އެ ފޮޓޯތަކުން ދައްކައިދެއެވެ.
އެ ފޮޓޯތައް ހިއްސާކޮށް އޭނާ ބުނެފައިވަނީ ގޫގުލް އާތް ހުޅުވައިލައިގެން ޣައްޒާއަށް ހެދި ގޮތް މިހާރު ބެލޭނެ ކަމަށެވެ. އެންޖެލީނާ ބުނީ މުޅި އަވަށްތައް ގާ ފުންޏަކަށް ބަދަލުވެފައިވާ ކަމަށާއި ގެތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކާއި މަގުތަކާއި ފެނާއި ނަރުދަމާ ނިޒާމާއި އެ ނޫންވެސް ޢުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބި ނުވަތަ މުޅިން ހަލާކުވެފައިވާ ކަމަށެވެ.
އދ. ގެ ސެޓެލައިޓް ދިރާސާއާ ޙަވާލާދީ އެންޖެލީނާ ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖޫން މަހާ ހަމައަށް ގައްޒާގެ ޢިމާރާތްތަކުގެ 82 އިންސައްތައަށް ގެއްލުން ލިބިފައިވާ އިރު ގެއްލުން ލިބުނު ޢިމާރާތްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ވަނީ މުޅިން ހަލާކުވެފައެވެ. އޭގެ އިތުރުން ޣައްޒާގެ އާބާދީގެ 94 އިންސައްތަ ކަމުގައިވާ 1.98 މިލިއަން މީހުންނަށް ފިނި މޫސުން ކައިރިވަމުންދާ އިރު ބޯހިޔާވަހިކަމާއި ޒަރޫރީ ތަކެތީގެ އެހީ ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
"އެހީ އާއި ބޯހިޔާވަހިކަމުގެ ސާމާނު ވެއްދުމަށް ހުރަސްތަކާއި ލަސްވުންތައް ކުރިމަތިވަމުންދޭ" ޖޮލީ ބުނެފައިވެއެވެ. ސެޓެލައިޓް ފޮޓޯތަކުން ޖިސްމާނީ ގެއްލުމުގެ ބޮޑުމިން ފެނުނަސް އިންސާނީ ހިތާމައިގެ ފުން މިންވަރު ދައްކައިނުދެވޭ ކަމަށް ޖޮލީ ބުންޏެވެ. އ
ޖޮލީ ވަނީ ޢާންމުންނަށް ބޯހިޔާވަހިކަމާއި އިންސާނީ އެހީ އާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދީ ފަލަސްޠީނު ރައްޔިތުންނަށް ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މުޖުތަމަޢުތައް އަލުން ބިނާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވައިލައިފައެވެ. "ގެއްލުން ފެންނަން އެބައޮތް. ބޭނުންތައް އެނގޭ. މިހާރު މުހިންމީ އެ ބޭނުންތައް ފުއްދައިދެވޭތޯ" ޖޮލީ ބުނެފައިވެއެވެ.
ދެ ފަހަރެއްގެ މަތިން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ޖޮލީ ވަނީ 2001 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އދ. ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) ގެ ގުޑްވިލް އެމްބެސެޑަރެއް އަދި ޚާއްޞަ މަންދޫބެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމުގައި 74000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެ 175000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ ޢުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ހަލާކުވެފައެވެ.