އިންޑިއާގެ ސްކޫލެއްގެ ފާހާނާއަށް ވަދެ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި ހެޑްމާސްޓަރު ހައްޔަރުކޮށްފި
އިންޑިއާގެ ބިހާރު ސްޓޭޓުގެ ނަވާޑާގައި ހުންނަ ސަރުކާރު ސްކޫލެއްގެ އަންހެން ދަރިވަރުންގެ ފާޚާނާއަށް ވަދެ އެ ކުދިންނާ ގައިގޯޅިވެ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ސްކޫލްގެ ހެޑްމާސްޓަރު ހައްޔަރު ކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހައްޔަރު ކުރީ ކުޑަކުދިންނާ ދެކޮޅަށް ކުރާ ޖިންސީ ކުށްތަކާ ބެހޭ ޤާނޫނު (ޕޮކްސޯ) ގެ ދަށުންނެވެ.
ދަރިވަރުން ހާމަކޮށްފައިވާ ގޮތުގައި ހެޑްމާސްޓަރު އެ ކުދިންގެ ފާޚާނާއަށް ވަދެ ކުދިން އުރައިގެން އޭނާގެ އުނގުމަތީ ބޭންދި ކަމަށެވެ. ކޮންގްރެސް ޕާޓީގެ ލީޑަރު ޕަވަން ކެރާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ދަރިވަރުން ރޮމުން މި ތުހުމަތުތައް ކިޔައިދޭ މަންޒަރު ފެނެއެވެ.
މި މައްސަލައިގަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ދަރިވަރުން އެ ކުދިންގެ ބެލެނިވެރީންނާ އެކު ސްކޫލުގައި އިހުތިޖާޖުވެސް ކޮށްފައިވެއެވެ.
ނަވާޑާގެ މި ހާދިސާ ހިނގީ ބިހާރުގެ ޖާމުއީ ޑިސްޓްރިކްޓުގައި ގްރޭޑް 10 ގެ އަންހެން ދަރިވަރަކަށް މަގުމަތީގައި ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ހާދިސާގެ އެއް ދުވަސް ކުރީންނެވެ.
ޖާމުއީގެ ހާދިސާގައި އެ ދަރިވަރުގެ އެކުވެރިޔާއަށް ޖިސްމާނީ ހަމަލާވެސް ދީފައިވެއެވެ. ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއިން ފެންނަ ގޮތުގައި ދެ އަންހެން ކުދީން ތުހުމަތުކުރެވޭ ފަރާތްތަކުގެ ކިބައިން ސަލާމަތްކޮށްދޭން އާދޭސްކުރެއެވެ.
ޖެހިޖެހިގެން ހިނގި މި ދެ ހާދިސާގެ ސަބަބުން ސްކޫލުތެރޭގައާއި ޢާންމު ތަންތަނުގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ޖަވާބުދާރީ ކުރުވުމާ މެދު ބިހާރުގައި ކަންބޮޑުވުން އިތުރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.