Advertisement

ހުޅުމާލެއިން ނެގި ފިތުރޯނު ގަސްތަކުގެ ބަދަލުގައި ހަ ބާވަތެއްގެ ގަސް އިންދައި ޕާކެއް ހަދަނީ

22 Sep 2026 | 15:04
-

ހުޅުމާލޭގެ މެރީ ބްރައުން ހިންގާ އިމާރާތް ކައިރިން ނެގި ފިތުރޯނު ގަސްތަކުގެ ބަދަލުގައި ހަ ވައްތަރެއްގެ ގަސް އިންދައި އެ ސަރަޙައްދުގައި ޢާއިލީ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފިތުރޯނު ގަސްތައް ނެގީ މޫ ފެތުރި ތާރުގަނޑަށް ގެއްލުންވެ ރައްޔިތުންނަށް ތަފާތު އުނދަގޫތައް ކުރިމަތިވަމުން ދިޔުމާ ގުޅިގެންނެވެ. އެ ގަސްތަކުން ހިޔާ ލިބުނު ނަމަވެސް މޫ ލުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

Advertisement

ފިތުރޯނު ގަހުގެ ބަދަލުގައި އެ ތަނުގައި އިންދުމަށް ކަނޑައެޅީ ރާއްޖޭގެ މޫސުމާ ގުޅޭ ދިވެހި ގަސްތަކެވެ. އެއީ ދިއްގާ ގަހާއި ކާނި ގަހާއި ހިރުނދު ގަހާއި މަގޫ ގަހާއި ކުރެނދި އަދި ރުކެވެ. ކުރިން އެތަނުގައި ފިތުރޯނު ގަސް ހައްދާފައި ހުރީ އައްސޭރިފަށުގެ ރައްކާތެރިކަމަށް ވިސްނައިގެން ކަމަށާއި އާ ގަސްތަކުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެށީގެ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ވޯޓާފްރަންޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ތަފާތު ޢުމުރުފުރާތަކުގެ ކުދިންނަށް ކުޅެވޭނެ ޖާގައާއި ހަޓުތަކާއި ދުވަސްވީ މީހުންނަށް އަރާމުކޮށް ތިބެވޭނެ ގޮފާނީ ޖާގަތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެ ތަން ވެގެންދާނީ ބޮޑެތި ހަރަކާތްތައް ބޭއްވޭ ތަފާތު މިޒާޖުތަކުގެ މީހުންނަށް އެއް ތަނަކުން ބައްދަލުވެވޭ ފަދަ ހިތްފަސޭހަ މާޙައުލަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފޭސް އެކެއްގެ "އޯޝަން ފްރަންޓް" ސަރަޙައްދުގައި ޕާކުތައް ހަދައި މިހާރަށް ވުރެ ހިތްގައިމު މާޙައުލެއް ޤާއިމުކުރުމުގެ ޕްލޭނެއް އެ ކުންފުނީގައި އެބައޮތް ކަމަށެވެ.

ހުޅުމާލޭގައި ހިޔާދޭ ގަސްތައް އެންމެ ރަނގަޅަށް ހައްދާފައި ވަނީ ފިތުރޯނުމަގުގައި ކަމަށް ވީ ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ބޮޑު ސަރަޙައްދަކުން މީގެ ކުރިން ވެސް ގަސް ނެގުމާ ގުޅޭ ޝަކުވާ ހުޅުމާލޭގެ ރައްޔިތުން ކުރަމުން ގެންދެއެވެ.

Advertisement

ކޮމެންޓް