Advertisement

ކޮފީއާއި އެނާޖީ ޑްރިންކް އެއްކޮށް ބުއިމުން ޒުވާން ފުރާ ކުދިން ކެފެއިންގެ ހައްދު ފަހަނައަޅާ ކަމަށް އިންޒާރުދީފި

22 Sep 2026 | 14:26
-

ކޮފީއާއި އެނާޖީ ޑްރިންކް ފަދަ ކެފެއިން ހިމެނޭ ބުއިންތައް އެއްކޮށްގެން ބުއިމުން، 18 އަހަރުން ދަށުގެ ޒުވާން ފުރާ ކުދިންނަށް ދުވާލަކު ހުށަހަޅާފައިވާ ކެފެއިންގެ މިންވަރު ފަހަނައަޅާ ދާކަމަށް ކޮންސިއުމަރ އެސޯސިއޭޝަން އޮފް ސިންގަޕޫރު (ކޭސް) އިން މިއަދު އިންޒާރުދީފިއެވެ.

މަޗާ، އެނާޖީ ޑްރިންކް އަދި އެސްޕްރެސޯ ބޭނުންކޮށްގެން ހަދާ ހަ ބާވަތެއް ޓެސްޓުކުރުމުން، ހުރިހާ ބާވަތެއްގައި ވެސް 100 މިލިގްރާމަށްވުރެ ގިނަ ކެފެއިން ހުރި ކަމަށް ކޭސް އިން ބުނެއެވެ. މަޗާއާއެކު ރެޑް ބުލް ނުވަތަ މޮންސްޓާ އެކަނި އެއްކޮށްގެން ހަދާ ހަތަރު ބާވަތުގައި 350 ގްރާމުގެ ތައްޓަކުން 100.45 މިލިގްރާމާއި 106.4 މިލިގްރާމާ ދެމެދުގެ ކެފެއިން ހުރެއެވެ. މޮންސްޓާ، ރެޑް ބުލް އަދި އެސްޕްރެސޯ އެއްކޮށްގެން ހަދާ ދެ ބާވަތުން، 280 ގްރާމުގެ ތައްޓެއްގައި 162.4 މިލިގްރާމާއި، 350 ގްރާމުގެ ތައްޓެއްގައި 282.1 މިލިގްރާމް ކެފެއިން ހުރިއިރު، އެއީ ޒުވާން ފުރާ ކުދިންނަށް ރަނގަޅު މިންވަރުގެ ގާތްގަނޑަކަށް ތިން ގުނައެވެ.

Advertisement

ދުވާލަކު ބޭނުންކުރަންވީ ކެފެއިންގެ މިންވަރާ ބެހޭ ގޮތުން ބައިނަލްއަޤުވާމީ ގޮތުން ގަބޫލުކުރެވޭ އިރުޝާދެއް ނެތް ނަމަވެސް، ސިއްހަތު ރަނގަޅު ބޮޑެތި މީހުން ދުވާލަކު 400 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ނުބުއިމަށް ސިންގަޕޫރުގެ ހެލްތް ޕްރޮމޯޝަން ބޯޑުން ލަފާދެއެވެ. 12 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާން ފުރާ ކުދިންނަށް ދުވާލަކު 100 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ނުދިނުމަށް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސްއިން ލަފާދެއެވެ.

ބޮލުގައި ރިހުމާއި، ހިތުގެ ތެޅުން ބާރުވުން، ހާސްވުން، ގައިގައި ތުރުތުރު އެޅުމާއި ނިދި ނައުން ފަދަ ކެފެއިން ގިނަވުމުގެ އަލާމާތްތަކަށް ސަމާލުވުމަށް ކޭސް އިން ލަފާދީފައިވެއެވެ. މިފަދަ އަލާމާތްތައް ފެންނަ ނަމަ ކެފެއިން ބުއިން މަދުކޮށް، އަލާމާތްތައް ދެމިހުރިނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ކޭސް އިން އިލްތިމާސްކޮށްފައިވެއެވެ. ރަނގަޅަށް ނިދުމާއި، މީރުކާނާ ކެއުމާއި، ފެން ބުއިމުން ސަމާލުކަން ދިނުމަށާއި ކިޔެވުމަށް އެހީތެރިވާ ކަމަށް ވެސް ކޭސް އިން ބުނެއެވެ.

"ކެފެއިން ގިނައިން ބުއިމުން ނިދުމާއި ހެޔޮ ދުޅަހެޔޮކަމަށް އަސަރުކުރާއިރު، އެކަމުގެ ސަބަބުން ސަމާލުކަން ދިނުމާއި ސްކޫލުގެ ނަތީޖާއަށް ވެސް އަސަރުކުރޭ، ކެފެއިން ބުއިމުގެ މިންވަރަށް ސަމާލުވެ، އެއް ބުއިމެއްގައި ކެފެއިން ހިމެނޭ ގިނަ އެއްޗެހި އެއްކޮށްނުލުމަށް ޒުވާން ފުރާ ކުދިންނާއި ބެލެނިވެރިންނަށް އަހަރެމެން އިލްތިމާސްކުރަމު" ކޭސްގެ ރައީސް، ރަޑިން މާސް ދާއިރާގެ މެމްބަރު މެލްވިން ޔޮންގް ބުންޏެވެ.

ބައެއް ޒުވާން ފުރާ ކުދިން ހޭލުމަށް ނުވަތަ ކެފެއިންގެ އަސަރު ބާރުގަދަކުރުމަށް ކޮފީއާއި އެނާޖީ ޑްރިންކް އެއްކޮށްގެން ބޯ ކަމަށް 2024 ވަނަ އަހަރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ލީޓަރަކުން 150 މިލިގްރާމަށްވުރެ ގިނަ ކެފެއިން ހިމެނޭ އެނާޖީ ޑްރިންކް 16 އަހަރުން ދަށުގެ މީހުންނަށް ވިއްކުން، ޕާލިމެންޓުގެ ތާއީދާއެކު ކުރިއަށް އޮތް އަހަރުގެ އޭޕްރިލް މަހުން ފެށިގެން މަނާކުރާނެ ކަމަށް ބްރިޓިޝް ސަރުކާރުން މި އަހަރުގެ ޖުލައި މަހު އިއުލާންކޮށްފައިވެއެވެ.

Advertisement

ކޮމެންޓް