Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯ ވީޑިއޯގެ މައްސަލައެއްގައި މެލޭޝިއާގައި 53 މީހަކު ހައްޔަރުކޮށްފި

22 Sep 2026 | 14:12
-

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯ ވީޑިއޯ ގެންގުޅުނުކަމުގެ ތުހުމަތުގައި މެލޭޝިއާގައި ހިންގި އޮޕަރޭޝަނެއްގައި، 13 އަހަރާއި 18 އަހަރާ ދެމެދުގެ އަށް ކުޑަކުއްޖަކު ހިމެނޭ ގޮތަށް 53 މީހަކު ހައްޔަރުކޮށްފި ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަން ހިންގީ މެލޭޝިއާ ފުލުހުންގެ ބުކިތް އަމަން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި، މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) ގުޅިގެންނެވެ. "އޮޕަރޭޝަން ޕީޑޯ 3.0" ގެ ނަމުގައި، މަސްތަކެއް ވަންދެން ކުރި ތަހުގީގަކަށްފަހު މުޅި ޤައުމުގައި ހިންގި މި އޮޕަރޭޝަންގައި 92 މީހަކު އަމާޒުކުރިއިރު، އެއިން 53 މީހަކު ހައްޔަރުކުރިއެވެ. 

Advertisement

ކުޑަކުދިން ތަހުގީގުކުރަމުން ގެންދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ އެނިމޭޓެޑް ފޮޓޯ ވީޑިއޯ ބެހެއްޓުމާއި ވިއްކުމުގެ ތުހުމަތުގައި ކަމަށް އެ ޑިޕާޓްމަންޓުގެ ޑައިރެކްޓަރ ދާތުކް އެމް ކުމާރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި 24 އަހަރުގެ ޓީޗަރެއްގެ އިތުރުން، އެހެން ސްކޫލެއްގައި މަސައްކަތްކުރާ 44 އަހަރުގެ ލެބޯޓަރީ އެސިސްޓެންޓެއް ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިކަމުގައި އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ކުޑަކުދިންނާއި ސަރުކާރުގެ މުވައްޒަފުން ހިމެނުން، މިއީ ބޮޑެތި ގޯސް ނަތީޖާތައް ކުރިމަތިވާނެ ކަމެއް، އަހަރެމެންގެ ކުދިންނަށް މިއީ ނުރައްކަލެއް" ކުމާރު ބުންޏެވެ.

އޮޕަރޭޝަންގައި މޯބައިލް ފޯނާއި ކޮމްޕިއުޓަރު، ލެޕްޓޮޕް، ޓެބްލެޓް އަދި ސްޓޯރޭޖް ޑިވައިސް ހިމެނޭ ގޮތަށް 90 ޑިޖިޓަލް ޑިވައިސް އަތުލައިގެންފައިވެއެވެ. އެ ޑިވައިސްތަކުން 653،193 ފައިލް ފެނިފައިވާއިރު، އެއިން 540،127 ފައިލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯ ވީޑިއޯ ކަމަށާއި، 113،066 ފައިލަކީ ބޮޑެތި މީހުންގެ ޕޯނޮގްރަފީ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން 52 މައްސަލައެއް ހުޅުވާފައިވާއިރު، އިއްޔެއާ ހަމައަށް 23 މީހަކާ މެދު ކޯޓު ފިޔަވަޅު އަޅާފައިވެއެވެ. ބާކީ 29 މީހަކާ ބެހޭ މައްސަލަ އަދިވެސް ތަހުގީގުކުރަމުން ގެންދެއެވެ.

Advertisement

ކޮމެންޓް