އަންހެން ފުލުހުން އަދާކުރަނީ އަގުހުރި ދައުރެއް ކަމަށް މިނިސްޓަރ ގީލާ ވިދާޅުވެއްޖެ
ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު ތަނބުތަކުގެ ތެރެއިން އެއް ތަނބަކީ އަންހެން ފުލުހުން ކަމަށާއި، ހައްސާސް މައްސަލަތައް ހައްލުކުރުމުގައާއި ފަންނީ ދާއިރާތަކުގެ ކުރީ ސަފުގައި އެ އޮފިސަރުން އަދާކުރަނީ އަގުހުރި ދައުރެއް ކަމަށް ސިއްޙަތާއި ޢާއިލާއާއި ވެލްފެއަރއާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމުގެ ގޮތުން އިއްޔެ ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފޯރަމްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ރައީސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަން އަދި ގިނަ އަދަދެއްގެ އަންހެން ފުލުހުން ބައިވެރިވިއެވެ.
2004 ވަނަ އަހަރު ގާނޫނު ތަންފީޒުކުރާ މަދަނީ އިދާރާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް އުފެދުނުއިރު، ޚިދުމަތުގައި ތިބީ 64 އަންހެން ފުލުހުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ އަދަދު މިއަދު އެތައް ގުނައަކަށް އިތުރުވެފައިވުމަކީ މުޖުތަމަޢުގައި އަންހެން ފުލުހުންނަށް ބޭނުންވެފައިވާ މިންވަރު ދައްކައިދޭ ހެއްކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ފުލުހުންގެ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގާލާއިރުގައި، ތިޔަ ކަނބަލުންނަކީ މި ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި އަޅުގަނޑު ފާހަގަކުރަން. ... އެ އަދަދު މިއަދު އެތައް ގުނައަކަށް އިތުރުވެފައިވާ ކަމީ، މުޖުތަމައު ތިޔަ ކަނބަލުންނަށް ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް،" މިނިސްޓަރ ވިދާޅުވިއެވެ.
ޚާއްޞަ ތަމްރީނުތަކާއި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ފުލުހުންގެ ދާއިރާއަށް ޝައުޤުވެރިވާ އަންހެނުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދާޚިލީ ސަލާމަތުގެ ބުރަ މަސްއޫލިއްޔަތާއެކު، މައެއްގެ، ދައްތައެއްގެ ނުވަތަ މާމައެއްގެ ގޮތުގައި ގޭތެރޭގެ ޒިންމާތައް ވެސް އަދާކުރުމަކީ މުޅި މުޖުތަމަޢު ފަޚުރުވެރިވާ ގުރުބާނީއެއް ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
2021 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން ކުރާ މަސައްކަތަށް ޝުކުރުދަންނަވާ، ތަމްރީނާއި ބައިނަލްއަޤުވާމީ ގުޅުންތަކުން ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމަށް މިނިސްޓަރ ހުރިހާ އަންހެން ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.