Advertisement

ނައިބު ރައީސް، އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރައްވައިފި

22 Sep 2026 | 13:48
ނައިބު ރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، ނިއުޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، އދ. ގެ ޢާންމު މަޖިލީހުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ވިލުންތެރިކަމާއި، ދަރަނީގެ ދެމެހެއްޓެނިވި ކަމާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޛު ކުރުމާއި، ސިޑްސްއިން އިސްކަންދޭ ކަންކަމުގެ އިތުރުން އދ. އިޞްލާޙުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހިރާއްޖެއާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބާރުލުން ދެއްވުމަށާއި، މިކަމުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގައި އދ. އިން އެހީތެރިކަންދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ސަރަޙައްދީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލަތަކުގެ މައްޗަށާއި، ޚާއްޞަކޮށް ފަލަސްޠީނުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Advertisement

ކޮމެންޓް