ހަރުމުދާ ވިއްކައިގެން ސަރުކާރުން ޤައުމުގެ މުއްސަދިކަން ހުސްކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
މިހާރުގެ ސަރުކާރުން ޤައުމުގެ މުއްސަދިކަން ހުސްކުރަމުން ގެންދަނީ ހަރުމުދާ ވިއްކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ހަރުމުދާ ވިއްކުމާއި ޕްރައިވަޓައިޒޭޝަނަކީ ސަރުކާރުން ޤައުމުގެ މުއްސަދިކަން ހުސްކުރުމަށް ބޭނުންކުރާ މައިގަނޑު ދެ ވަސީލަތް ކަމަށެވެ.
ނަޝީދުގެ މި ޕޯސްޓު އަންނަނީ، ރާސްމާލޭގައި "މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ" ތަރައްޤީކުރުމަށް އަބޫދާބީގެ ޑިވެލޮޕަރ އީގަލް ހިލްސްއާ ސަރުކާރުން އިއްޔެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ. ތަފާތު މަރުޙަލާތަކުގައި ތަރައްޤީކުރާ މި މަޝްރޫޢުގެ އަގު ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރަށް ލަފާކޮށްފައިވެއެވެ.
މި މަޝްރޫޢުގައި ހޮޓާތަކާއި ރިސޯޓްތައް، ބްރޭންޑެޑް ގޭބިސީތައް، މެރީނާއެއް، ކަނޑުއައްސޭރީގައި ހިނގާ މަގުތައް، ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭއިރު، 54،000 އަށްވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރާއި އީގަލް ހިލްސްއިން ބުނެފައިވެއެވެ.