އީގަލް ހިލްސް އިން ހުޅުމާލޭގައި 5000 ހައުސިން ޔުނިޓްވެސް އަޅާނެ
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގުމަށް ސަރުކާރާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް ވެސް އަޅައިދޭނެ ކަމަށް ހައުސިން މިނިސްޓީން ބުނެފިއެވެ.
އަބޫދާބީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްޢައްބާރެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހައުސިން ޔުނިޓްތައް ބިނާކުރާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އީގަލް ހިލްސްގެ ޚަރަދުގައި ކަމަށާއި ސަރުކާރުން ފައިސާ ދައްކާނީ ތަންތަން ނިންމައި ހަވާލުކުރުމުން ވިއްކައިގެން ލިބޭ ޢާމްދަނީންނެވެ. ސަވަރިން ގެރެންޓީ ދިނުމާއި ޓެކްސް ލުއި ދިނުން ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރިން އިޢުލާނުކޮށްފައިވާ ސޯޝަލް ހައުސިން ގޯއްޗާއި ފްލެޓުގެ ޢަދަދުތަކަށް މި މަޝްރޫޢުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން ވުޒާރާއިން ބުނެފައިވެއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ އީގަލް ހިލްސްއާ އެކު ވެވުނު މި ތާރީީ ކޮމާޝަލް ޓާމްސް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށެވެ. މިއީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ދިވެހިރާއްޖޭގެ އިގްތިސާދަށް ވައްދައި ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ މަޝްރޫއެއް ކަމަށެވެ.
މިއަދު ސޮއި ކުރި ރަސްމާލޭގެ މި މަޝްރޫއުގެ ދަށުން ޓޫރިޒަމާއި ވޯޓަފްރަންޓް ކޮންސެޕްޓަށް ފަރުމާކޮށްފައިވާ މި މަޝްރޫޢުގެ ތެރެއިން މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއް ޤާއިމުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އެއާ އެކު ވިޔަފާރިއާއި ކެއިންބުއިމާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދުޅަހެޔޮކަމާ ގުޅޭ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރާ ބިމާއި އިމާރާތް ވިއްކުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް 99 އަހަރުގެ ލީސްހޯލްޑް އުސޫލުންނެވެ. ވިއްކުމުގެ މުޢާމަލާތެއް ނުވަތަ ވާރުތަވުމެއް ހިނގާ ކޮންމެ ފަހަރަކު ލީސްހޯލްޑް މުއްދަތު އަލުން 99 އަހަރަށް ފެށޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
18 އަށް ވުރެ ގިނަ ޤައުމުގައި އިންވެސްޓްކޮށް 45 ހޮޓެލެއް ހިންގަމުން ގެންދާ އީގަލް ހިލްސްއަކީ ރިއަލް އެސްޓޭޓް ދާއިރާގައި ފާހަގަކޮށްލެވޭ ބައިނަލްއަޤުވާމީ ކުންފުންޏެކެވެ. ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގާ އިމާރް ކުންފުނިވެސް މި މަޝްރޫޢުގައި ބައިވެރިވާނެއެވެ.