Advertisement

މީރާއިން ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން ހާމަކޮށްފި، ބައްސާމްވެސް ހިމެނޭ

21 Sep 2026 | 16:32
މީރާގެ އިސްވެރިންތަކެއް -- ފޮޓޯ: މީރާ

ޓެކުހުގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ޢާންމުކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން ޢާންމުކުރި މި ލިސްޓުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ހިމެނެއެވެ. ކޮރަޕްޝަންގެ ކުށްތައް ސާބިތުވެ 32 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ބައްސާމަކީ ފީފާގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެގެން ފުޓްބޯޅައިގެ ހުރިހާ ޙަރަކާތަކުން އުމުރަށް ސަސްޕެންޑުކޮށް ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ނިންމާފައިވާ ފަރާތެކެވެ.

Advertisement

ބައްސާމްގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތައް ވެސް މި ލިސްޓުން ފެނެއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އޭކޭޑީއޭ އިންޖިނިއާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މާލޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހިންގާ ޗީބޯ ކެފޭގެ ކުންފުނި ކަމަށްވާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑާއި މެދުފުށި އިންވެސްޓްމަންޓް ހިމެނެއެވެ.

ނަންތައް ޢާންމުކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތަކާއި ފިޔަވަޅުތަކުގެ މަޢުލޫމާތު ސާފުކޮށްދީ އެސްއެމްއެސް މެދުވެރިކޮށް ވެސް އެކަން އެންގި ކަމަށް މީރާއިން ބުނެއެވެ. އެ އޮތޯރިޓީން ވަނީ މިހާތަނަށް ބަޔާން ހުށަނާޅައި ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާން ހުށަހެޅުމަށާއި ފައިސާ ނުދައްކައި ތިބި ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް މީރާއިން ބުނެއެވެ. އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ބޭންކު އެކައުންޓުތައް ހިފެހެއްޓުމާއި ސަރުކާރުގެ ޚިދުމަތްތަކާއި ވިޔަފާރީގެ އިމްޕޯޓް އެކްސްޕޯޓް ހުއްދަތައް ހުއްޓުވުމާއި ސިވިލް ކޯޓުގައި ދައުވާ ހުށަހެޅުމާއި މަސްއޫލުވެރީން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އަމުރު ހޯދުން ހިމެނެއެވެ. ހަމައެއާއެކު ގަސްދުގައި ޓެކުހަށް މަކަރު ހަދާ ފަރާތްތަކުގެ މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ތަޙުޤީޤުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ އުފުލުމަށް ފޮނުވާނެ ކަމަށް ވެސް މީރާއިން ބުނެއެވެ.

Advertisement

ކޮމެންޓް