އަރުޖުން ރަމްޕާލްއާ ގެބްރިއެލާ ކައިވެނިކޮށްފި
ބޮލީވުޑުގެ މަޝްހޫރު ތަރި އަރުޖުން ރަމްޕާލް އާއި ދެކުނު އެފްރިކާގެ މޮޑެލް ގެބްރިއެލާ ޑެމެޓްރިއޭޑެސް ކައިވެނި ކޮށްފި އެވެ.
އެ ދެމީހުން ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަށް އަހަރު ފަހުންނެވެ. ދެމީހުންގެ ކައިވެނި ހަފްލާ އޮތީ އިންޑިއާގެ ޓޫރިސްޓު މަންޒިލް ގޯއާގައި އެވެ.
ދެމީހުން އެންގޭވެފައިވަނީ މިދިޔަ އަހަރު ރިއާ ޗަކްރަބޯޓީގެ ޕޮޑްކާސްޓެއްގައި ބައިވެރިވެ ޝޯގެ ތެރެއިންނެވެ. ދެމީހުން ކައިވެނިކޮށްފައިވަނީ ކައިވެނިން ބޭރުން ދެ ދަރިން ލިބުނު ފަހުންނެވެ.
ގެބްރިއެލާ އަކީ މޮޑެލް ކުރުމާއި ފެޝަން ޑިޒައިނިން އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މީޙެކެވެ.
އުމުރުން 16 އަހަރުގައި މޮޑެލިންގެ ދާއިރާއަށް ނުކުތް ގެބްރިއެލާ ދެކުނު އެފްރިކާގެ ގައުޓެންގް ގައި ފެޝަން ޑިޒައިން ކިޔެވުމަށް ފަހު ބައިނަލްއަޤުވާމީ ފެންވަރުގައި މޮޑެލްކޮށް އިންޑިއާ އަށް ބަދަލުވެ ފިލްމީ ދާއިރާއަށް ވެސް ވަނީ ނުކުމެފައެވެ.
'އިޝްގް ޖަމީލާ'، 'ސޮނާލީ ކޭބަލް' އަދި ތެލުގޫ-ޓެމިލް ފިލްމެއް ކަމަށްވާ 'އޫޕިރީ' ފަދަ ފިލްމުތަކުގައި ގެބްރިއެލާ ވަނީ ހަރަކާތްތެރިވެފައެވެ. ފަހުން ފެޝަނާއި ވިޔަފާރީގެ ދާއިރާ އަށް ޝައުޤުވެރިކަން ބަދަލުވެ ގެބްރިއެލާ ވަނީ ޑީމީ ގެ ނަމުގައި އަމިއްލަ އަންހެނުންގެ ހެދުމުގެ ބްރޭންޑެއް ވެސް ތަޢާރަފުކޮށްފައެވެ.
ކައިވެނިން ބޭރުން ދަރިން ހޯދައިގެން އުޅުމަކީ އިންޑިއާގެ އާދަކާދައާއި ގުޅިފައިވާ ކަމެއް ނޫނެވެ. އަދި އިންޑިއާގެ މަޝްހޫރު ތަރިންގެ ތެރޭގައިވެސް މި ސަގާފަތް ނޯންނައިރު އެކަމަކީ އިންޑިއާ ތަރިން މާބޮޑަށް ތާއީދު ކުރާ ކަމެއް ނޫން ކަމަށް ރިޕޯޓުަތައް ބުނެ އެވެ.