Advertisement

އެމްއެމްއޭ އިން ޕޭމަންޓް ހިދުމަތުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް ގެޒެޓްކޮށްފި

04 Sep 2026 | 10:34
-

ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ޝާމިލުވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ޕޭމަންޓް ހިދުމަތްތަކާ ބެހޭ ގަވާއިދު އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓްކޮށްފިއެވެ.

މި އިސްލާހުގެ ދަށުން ޕޭމަންޓް އެކުއަޔަރ ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވަނީ އާ ޝަރުތެއް ކަނޑައަޅައިފައެވެ. އެ ގޮތުން ކޮންމެ މުއާމަލާތަކާ ގުޅިގެން ބެނެފިޝިއަރީގެ ރާއްޖޭގެ ބޭންކް އެކައުންޓަށް މަސައްކަތު ދެ ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.

Advertisement

ގަވާއިދުގެ ދެވަނަ ބޮޑު ބަދަލެއްގެ ގޮތުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތެއްގައި ރައުސްމާލުގެ ގޮތުގައި އަބަދުވެސް ހުންނަންޖެހޭ މިންވަރު ވަނީ މައްޗަށް ޖައްސައިފައެވެ. އިލެކްޓްރޯނިކް މަނީ އިޝޫ ކުރުމާއި ޕޭމަންޓް މުއާމަލާތް އެކުއަޔަރ ކުރުމާއި ރެމިޓެންސް ހިދުމަތް ދޭ ފަރާތްތަކުން ދެން ބަހައްޓަންޖެހެނީ 2,000,000 ރުފިޔާއެވެ. ޕޭމަންޓް އިނީޝިއޭޝަން ހިދުމަތާއި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލް ވަނީ 1,000,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރައުސްމާލުގެ ޝަރުތު ވަރުގަދަ ކުރުމުގެ މައިގަނޑު މަގުސަދަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ ގެއްލުމެއް ކުރިމަތިވިޔަސް ހިދުމަތް މެދުނުކެނޑި ދެވޭ ފެންވަރުގެ މާލީ ގާބިލުކަން ހުރި ތަންތަންކަން ޔަގީންކުރުމެވެ. މީގެ އިތުރުން މާލީ ނިޒާމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޒިންމާދާރުކަމާއި ދުޅަހެޔޮކަން ކަށަވަރުކޮށް އެ ނިޒާމަށް އާންމުންގެ އިތުބާރު ދެމެހެއްޓުމަކީ ވެސް މި ބަދަލުތަކުގެ ބައެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

ކޮމެންޓް