އދ. ގެ އާންމު މަޖިލީހުގެ ހައި-ލެވެލް ހަފްތާއަށް ނައިބު ރައީސް ނިއުޔޯކަށް ފުރާވަޑައިގެންފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ރޭގައި ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މަތީ ފެންވަރުގެ ރަސްމީ ބައްދަލުވުންތަކުގައި ރާއްޖޭގެ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާކަމަށާއި އޭގެ އިތުރުން ވެސް އެކި ގައުމުތަކުގެ އިސް ބޭފުޅުންނާ ވަކިވަކީން ބައްދަލުކުރެއްވުމާއި ގިނަ ގައުމުތައް ބައިވެރިވާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ތާވަލުކުރެވިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
އާންމު މަޖިލީހުގެ ބަހުސް ފެށުމުގެ ރަސްމިއްޔާތާއި އެ ބައްދަލުވުމުގެ ހަވާސާގައި ބާއްވާ އެކިއެކި ހަފްލާތަކުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ.