އޭޝިއަން ގޭމްސްގެ ކުޅުންތެރިން 14 ގަޑިއިރު ބިންމަތީގައި ނިދަން ޖެހި ޖަޕާނަށް ފާޑުކިޔުން އަމާޒުވަނީ
ޖަޕާނުގެ ނަގޯޔާގައި އިއްޔެ ފެށި އޭޝިއަން ގޭމްސްއަށް ދިޔަ އެކި ޤައުމުތަކުގެ އެތުލީޓުންނަށް ތިބޭނެ ތަންތަން ހަމަނުޖެހި 14 ގަޑިއިރަށް ވުރެ ގިނައިރު ބިންމަތީގައި އިށީނދެ ތިބެން ޖެހުމުން ޖަޕާނުގެ "މެހުމާންދާރީ" އާ މެދު ބައިނަލްއަޤުވާމީ ފާޑުކިޔުން އިތުރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މުބާރާތަށް ދިޔަ އިންޑިއާ، ވިއެޓްނާމް، ޗައިނާ، ދެކުނު ކޮރެއާ އަދި ތައިލެންޑުގެ ކުޅުންތެރިން ނަގޯޔާގައި ތިބެން ހަމަޖެހިފައިވާ ހޮޓެލްތަކަށް ނުދެވި ގިނަ އިރުތަކެއް ވަންދެން އެއާޕޯޓުގައި ތިބެން ޖެހުނެވެ. އެގޮތުން ކުޅުންތެރިން ވަރުބަލިވެ އެއާޕޯޓުގެ ގޮނޑިތަކާއި ބިންމަތީގައި ތިބި ފޮޓޯތަކާއި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މުބާރާތަށް ދިޔަ އިންޑިއާގެ 35 މެންބަރުންގެ ޝޫޓިން ޓީމު ރޭގަނޑު ނުވައެއް ޖެހިއިރު ފައިބައި ޗެކް އިން ނިންމާލެވުނީ ފަތިހު ފަހެއް ޖެހިފަހުންނެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ކުޅުންތެރިންނަށް ނަގޯޔާ އެއާޕޯޓުގައި ކާ އެއްޗެއް ނުލިބި ހަތް ގަޑިއިރު މަޑުކުރަން ޖެހުނެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ކުޅުންތެރިންނަށް ޚާއްޞަ ވިލެޖެއް ބިނާ ނުކުރުމަށް ޖަޕާނުން ނިންމީ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ކުޅުންތެރިން ބައިތިއްބާފައި ވަނީ ބަނދަރުގައި އޮތް ކުރޫޒް ބޯޓެއްގައާއި ކޮންޓެއިނާ ގޮތަށް ހަދާފައި ހުރި ޔުނިޓްތަކުގައާއި ސަރަޙައްދުގެ ހޮޓެލްތަކުގައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބައެއް ގައުމުތަކުގެ ކުޅުން ތެރިންނަށް ތިބުން ހަމަޖެހިފައިވާ ތަނަށް ގޮސްވެސް ކާއެއްޗެއް ލިބޭނެ ގޮތެއް ނެތިފައި އެތައް ގަޑިއިރެއް ގިބެން ޖެހުނެވެ.
ކުޅުންތެރިން ތިބެން ހަމަޖެހިފައިވާ ކްރޫޒް ލައިނާ --
މި ހާދިސާއާ ގުޅިގެން ނަގޯޔާގައި ދިރިއުޅޭ 2,000 އިންޑިއާ ރައްޔިތުން ކޮޓަރި ހަމަނުޖެހޭ ހާލަތެއްގައި ކުޅުންތެރިން އެ މީހުންގެ ގެތަކުގައި ބައިތިއްބައިދޭން ތައްޔާރަށް ތިބި ކަމަށް އިންޑިއާއިން ހާމަކޮށްފައިވެއެވެ. ޖަޕާނުގެ އެތެރޭގައި ދައުރުވި ޕޯސްޓެއްގައި ފާހަގަކޮށްފައި ވަނީ ބޭރު މީހުން ލައްވައި ޖަޕާނުގެ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުވުމަށް ކެބިނެޓް ވަޒީރެއް ކަނޑައެޅި ނަމަވެސް ބޭރު މީހުންނަށް މެހުމާންދާރީ އަދާކުރާނެ ވަޒީރެއް ބޭނުންވާ ކަމަށެވެ.
މި މައްސަލައިގަ ޖަޕާނު މީޙުން ވަނީ ސޯޝަލް މީޑިއާގައި މި ހާދިސާ ތަކާއި ގުޅިގެން ލަދުގަންނާން ޖެހޭނެ ކަމަށެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި 45 ގައުމަކުން 11،000 ކުޅުންތެރިން ބައިވެރިވެ އެވެ. މިއަހަރު 43 ކުޅިވަރެއް ކުޅޭނެ އެވެ.