ތޫނު އެއްޗަކުން ހަމަލާދީ ދެ ދިވެހިން ޒަހަމް ކޮށްލި ބިދޭސީއަކު ހައްޔަރު ކޮށްފި
ތޫނު އެއްޗަކުން ހަމަލާދީ ބަޔަކު ޒަހަމް ކޮށްލި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރޭ މާރާމަރީ ހިންގި ކަމުގެ ރިޕޯޓު ކުރީ 9:01 ހާއިރު ކަމަށެވެ. މާރާމާރީ ހިންގީ ޝަބްނަމް މަގުގައި އެވެ.
މި މާރާމާރީ ގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ. އެމީހުންނަށް ހަމަލާ ދިނުމުގެ ކުށުގައި ފުލުހުން ހައްޔަރު ކުރީ ބިދޭސީ އެކެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދެވަނަ މީހާއަށް ފަރުވާދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކަމަށެވެ. އެމީހުންގެ ހާލަތާއި ގުޅޭ ތަފްސީލް އަދި ނޭނގެ އެވެ.
އަދި މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު ފުލުހުން ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެ ބިދޭސީ މީހާ ބިންމަތީގައި އޮތްތައް ފެނެ އެވެ. އޭނާގެ މޫނުމަތީގެ އެކި ތަންތަނުން ލޭ ހިލިފައިވާއިރު ދިވެހިންނަށް އޭނާ ހަމަލާދިނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.