8000 އަށް ވުރެ ގިނަ ދަރިވަރުންނާެއި އެކު އޯލެވެލް އިންތިހާނު ފަށައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ 267 ސެންޓަރެއްގައި ޖުމްލަ 8111 ދަރިވަރުންނާ އެކު މި އަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.
ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި އިމްތިހާނުގައި އެސްއެސްސީ ހަދާ ދަރިވަރުންގެ ޢަދަދު 7776 އަށް އަރައެވެ. ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި އައިޖީސީއެސްއީ އިމްތިހާން ހަދަނީ 3222 ދަރިވަރުންނެވެ. އެ ސަރަހައްދުން އެސްއެސްސީ އިމްތިހާނަށް އިށީންނަނީ 2869 ދަރިވަރުންނެވެ.
އަތޮޅު ތެރޭގެ 242 ސެންޓަރެއްގައި އައިޖީސީއެސްއީ ހަދާ ދަރިވަރުންގެ ޢަދަދަކީ 4889 ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ރަށްރަށުގައި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 4907 ދަރިވަރުންނެވެ.
އިމްތިހާން ފެށުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުން އިމްތިހާނަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އިމްތިހާން ހަދާ ދުވަސްވަރު ކުދިން ހާސްވާ ވަރަށް ކިޔެވުމަށް ބާރު އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދުން ދުވަސް ފައްޓައި އިމްތިހާނު ހެދުމުގެ ކުރިން ﷲ ގެ މަދަދަށް އެދި ބިސްމީގެ ބަރަކާތުން ޕޭޕަރު ހަދަން ފައްޓާށޭ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތުގައި އޮންނަ ޝައުގު ﷲ އަށް ދަންނަވަން ވާނެ. ހުރިހާ ދަރިވަރުންނަށް ވެސް ވަރަށް ބާއްޖަވެރި ވަރަށް އުފާވެރި ވަރަށް ފަސޭހަ އިމްތިހާނަކަށް އެދެން."
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދިވެހި ދަރިވަރުން ވަނީ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް ހާސިލުކޮށްފައެވެ.