އެމްއެންޔޫގައި ތަޖުރިބާ ހޯދުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު ރާއްޖެ އަތުވެއްޖެ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު އޮތް އެކެޑެމިކް ޕާޓްނަރޝިޕްގެ ދަށުން ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު މިއަދު ރާއްޖެ އައިސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 11 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮގްރާމްގެ ތެރެއިން މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންނަށް ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އަމަލީ ތަޖުރިބާ ލިބި ކްލާސް ރޫމުގައި ކިޔެވި ބައިތައް ހަގީގީ މާހައުލެއްގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްއެންޔޫ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އެ ދަރިވަރުން އެމްއެންޔޫގެ ދަރިވަރުންނާއި މުދައްރިސުންނާ އަދި ރާއްޖޭގެ މުޖުތަމައުތަކާ ގުޅިގެން މަސައްކަތްކޮށް ޕްރޮފެޝަނަލް ހުނަރު ތަރައްގީކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޖަޒީރާ ގައުމެއްގެ ތައުލީމީ ދާއިރާއަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދެނެގަތުމާ އެކު ދެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި އިލްމީ ބައިވެރިވުމާއި ސަގާފީ ބަދަލުކުރުމާއި ޕްރޮފެޝަނަލް ނެޓްވޯކިން ފުޅާކުރުމަކީ ވެސް މި ޕްރޮގްރާމްގެ އެއް ބޭނުން ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމް ގުޅިފައިވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ވެސް ކަމަށް އެމްއެންޔޫ އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފެންވަރު ރަނގަޅު ތައުލީމާ ބެހޭ ހަތަރު ވަނަ ލަނޑުދަނޑިއާއި ތަފާތުކުރުން ކުޑަކުރުމާ ބެހޭ 10 ވަނަ ލަނޑުދަނޑިއާއި ދެމެހެއްޓެނިވި ސިޓީތަކާއި މުޖުތަމައުތަކާ ބެހޭ 11 ވަނަ ލަނޑުދަނޑިއާ އަދި ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުމާ ބެހޭ 17 ވަނަ ލަނޑުދަނޑިއަށް މި ޕްރޮގްރާމް ބާރު އަޅައިދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ޕްލޭސްމަންޓް ޕްރޮގްރާމަކީ އެމްއެންޔޫ އާއި މެލްބަން ޔުނިވަރސިޓީއާ ދެމެދު އޮތް އެކެޑެމިކް ގުޅުން ވަރުގަދަކޮށް ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ޕްރޮގްރާމެއް ކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ.