އެމްއެންޔޫގެ ތެވެލި ކޮންފަރެންސް ފަށައި ޕްރޮފެސަރ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވާ ނުވަ ވަނަ ތެވެލި ކޮންފަރެންސް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައި އެ ޔުނިވަރސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެސޯސިއޭޓް ޕްރޮފެސަރ އަދި ޕްރޮފެސަރ ކަމުގެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
"21 ވަނަ ގަރުނުގެ ބަދަލުވަމުންދާ އީޖާދުތައް: ސައިންސް ޓެކްނޮލޮޖީ އަދި މުޖުތަމައު" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ބައިނަލްއަގުވާމީ ދިރާސާ މަހާސިންތާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. ދައުލަތުގެ ވަޒީރުންނާއި އެމްއެންޔޫގެ ޗާންސެލަރ ޑޮކްޓަރ މުހައްމަދު ޝައުގީއާއި ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ކައުންސިލް މެންބަރުންގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރި މަންދޫބުންނާއި ދިރާސާވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ވައިސް ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ޔުނިވަރސިޓީގެ އާއިލާއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ. އޭއައި ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ ނާޒުކު ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ދިރާސާތަކުގެ ދައުރު ފާހަގަކުރައްވައި ދިރާސާ ދާއިރާއަށް ރައީސް ޑޮކްޓަރ މުއިއްޒާއި ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެހެންމެ 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ފެކަލްޓީއެއްގައި މަދުވެގެން އެއް ޕީއެޗްޑީ ޕްރޮގްރާމް ހިންގެވުމަކީ އެމްއެންޔޫގެ އަމާޒެއް ކަމުގައި ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
ޝަރަފުވެރި މެހެމާން މެޑަމް ސާޖިދާ ވިދާޅުވީ ޓެކްނޮލޮޖީ ކުރިއެރިޔަސް އީޖާދުތަކުގެ އަސްލު މަގްސަދަކީ މުޖުތަމައަށް ހެޔޮ ބަދަލު ގެނެސްދިނުން ކަމުގައެވެ. ޒުވާނުން ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ގޮތުގައި ނޫން އެ ތަކެތި އުފައްދާ ބަޔެއްގެ ގޮތުގައި ތެދުވުމަށާއި މި ދާއިރާގައި އަންހެނުންގެ ހިއްސާ ބޮޑުކުރުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ. އޭގެ އިތުރުން ދިރާސާތައް ކަރުދާހެއްގެ ގޮތުގައި ނުބޭއްވައި އަމަލީ ގޮތުން ރައްޔިތުންގެ ދިރިއުޅުމަށް ފައިދާ ކުރާ ނަތީޖާއެއް ނެރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޑީން އޮފް ރިސަރޗް ޑޮކްޓަރ މަރިޔަމް ޝަހުނީޒާ ނަސީރު ހާމަކުރެއްވި ގޮތުގައި މިފަހަރުގެ ކޮންފަރެންސަށް 364 ދިރާސާ ކަރުދާސް ހުށަހެޅުނު އިރު އޭގެ ތެރެއިން 208 ކަރުދާސް ބަލައިގެންފައިވެއެވެ. ދުނިޔޭގެ ފަސް ބައްރުގެ 23 ގައުމަކުން 70 ކަރުދާސް ހުށަހެޅި އިރު ޖުމްލަ 435 ފަރާތަކުން ބައިވެރިވެފައިވެއެވެ. މަލްޓި ޑިސިޕްލިނަރީ 11 ސަބް ތީމެއް ހިމެނޭ މި މަހާސިންތާގައި އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމަށް ފުރިހަމަ އެއް ދުވަސް ހާއްސަކޮށްފައިވެއެވެ.
ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުންގެ ތެރޭގައި ޑރ. ޝޯން މެކްމިން ޕްރޮފެސަރ ޑރ. މުހައްމަދު މިޒާން އަސްލަމް ޕްރޮފެސަރ އެލިސްޓަރ ޖޯންސް އެސޯސިއޭޓް ޕްރޮފެސަރ ޑރ. ސައްތީ އަގުލީމާ އަހްމަދު އަދި ޑރ. ހަސަން ޝަފީއު ހިމެނިވަޑައިގަންނަވައެވެ. ދިރާސާވެރިންނާއި ދަރިވަރުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ތެވެލި އެވޯޑްސްގެ ނަމުގައި "އައުޓްސްޓޭންޑިންގ ޕޭޕަރ އެވޯޑް" "އަންޑަރގްރެޖުއޭޓް ރިސާޗް އެކްސެލެންސް އެވޯޑް" އަދި "ބެސްޓް ފެކަލްޓީ އެވޯޑް" ވެސް މި ރަސްމިއްޔާތުގައި ދީފައިވެއެވެ.