އެމްއެންޔޫ އިން ދިރާސާއާއި ފޮތް ލިޔުމުގެ 13 ގްރާންޓެއް ދީފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން 2026 ވަނަ އަހަރުގެ ޔުނިވާސިޓީ ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓުގެ ދަށުން ތަފާތު 13 ޕްރޮޖެކްޓަކަށް ހިލޭ އެހީ ދީފިއެވެ.
ސިއްހީ ދާއިރާއާއި ތައުލީމާއި ޖިންސީ ހަމަހަމަކަމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ދިރޭ ތަކެތީގެ ނަސްލާއި އިގުތިސާދީ ތަރައްގީ އަދި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް 12 ދިރާސާ ޕްރޮޖެކްޓަކާއި ފޮތް ލިޔުމުގެ އެއް ޕްރޮޖެކްޓަކަށް މި ގްރާންޓުތައް ދީފައިވެއެވެ. މި ހުރިހާ ޕްރޮޖެކްޓެއް ވެސް އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ (އެސްޑީޖީ) ގުޅިފައިވެއެވެ.
ދިރާސާ ގްރާންޓު ލިބުނު ޕްރޮޖެކްޓުތަކުގެ ތެރޭގައި ރިސޯޓުތަކުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމާއި މެޑިކަލް ލެބޯޓަރީ ސައިންސް ދާއިރާގައި ކްލިނިކަލް މެންޓާޝިޕަށް ތައްޔާރަށް ތިބި މިންވަރު ވަޒަންކުރުމާއި ރާއްޖޭގެ ކޮމިއުނިޓީ ހެލްތު ނާސިންގެ ފްރޭމްވާކެއް އެކުލަވައިލުމާއި އޭއައި ބޭނުންކޮށްގެން ޕާސަނަލައިޒްޑް ތައުލީމީ ނިޒާމެއް ފަރުމާކުރުމާއި ވޯލްޑް ވެލިއުސް ސާވޭ ހެދުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ ބިމުގައި ދިރިއުޅޭ ކުދި ދިރޭ ތަކެތީގެ ނަސްލު ދެނެގަތުމާއި ހޮސްޕިޓަލުތަކުން އެންޓިބަޔޮޓިކް ރެޒިސްޓެންސް ފެތުރޭ މިންވަރު ބެލުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާލީ ހިންގުން ހަރުދަނާކުރުމާއި ޕެލިއެޓިވް ކެއާ ހިދުމަތަށް މުޖުތަމައު ތައްޔާރުވެފައި އޮތް މިންވަރު ބެލުން ފަދަ ޕްރޮޖެކްޓުތައް ވެސް ހިމެނެއެވެ.
ބީރު މީހުންނަށް ދައުލަތުގެ ހިދުމަތްތައް ލިބޭ މިންވަރު ވަޒަންކުރުމާއި ބޭސް ބޭނުންކުރުމުން ދިމާވާ ނޭދެވޭ އަސަރުތައް ރިޕޯޓުކުރުމާ ގުޅޭ ގޮތުން ފާމަސީ ދާއިރާގެ ފަންނީ މީހުންގެ އިލްމާއި އަމަލު ބެލުމާއި އުމުރުން ދުވަސްވީ މީހުންނަށް ބަލަހައްޓާ ފަރާތްތައް ބާރުވެރިކުރުމުގެ ދިރާސާ ވެސް ގްރާންޓު ލިބުނު ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެއެވެ.
ފޮތް ލިޔުމުގެ ގްރާންޓުގެ ދަށުން ހޮވާފައިވަނީ ދިވެހި ކެއުންތަކާ ބެހޭ އަމަލީ ގައިޑެއް ލިޔުމުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުތަކުގައި އެމްއެންޔޫގެ ތަފާތު ފެކަލްޓީތަކުގެ ދިރާސާ ކުރާ ފަރާތްތަކާ އެކު އެމެރިކާގެ ޕާޑިއު ޔުނިވާސިޓީ އާއި ސްރީލަންކާގެ ޔުނިވާސިޓީ އޮފް ޕެރަޑެނިޔާ އާއި އިނގިރޭސިވިލާތުގެ ބެންގޯ ޔުނިވާސިޓީ އަދި ނޯތަމްބްރިއާ ހެލްތުކެއާ އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓް ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެއެވެ.