ކޮއްކޮއަށް ތިން ކޮޓަރީގެ އެޕާޓްމެންޓެއް ދީ، ކައިޒީން އެންމެން ހައިރާން ކޮށްލައިފި!
ރާއްޖޭގެ މަޝްހޫރު އިންފްލުއެންޒާ އަދި މޮޑެލް ކައިޒީން، އޭނާގެ ކޮއްކޮއަށް ތަފާތު ހަދިޔާއެއް ދީ އެންމެން ހައިރާން ކޮށްލައިފި އެވެ.
ކައިޒީން މިއަދު އިންސްޓަގްރާމްގައި ވަނީ އޭނާ ކޮށްކޮއަށް އެޕާޓްމެންޓެއް ހަދިޔާ ކުރިކަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފައި އެވެ.
"ދުވަސް" އާ ވާހަކަ ދައްކަމުން ކައިޒީން ބުނީ އެއީ ކޮއްކޮގެ އުފަންދުވަހުގެ ހަދިޔާ ކަމަށެވެ. އޭނާ ކޮއްކޮއަށް އެޕާޓްމެންޓު ގަނެދިނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ "ބޭފެންސީ ރެސިޑެންސް" އިން ކަމަށް ބުންޏެވެ.
ކައިޒީން އާންމުކުރި ވީޑިއޯއިން ފެނިގެން ދަނީ ކޮއްކޮގެ އަތުގައި ހިފައިގެން އެޕާޓްމެންޓަށް ވަންނަ ތަނެވެ. އަދި އެޕާޓްމެންޓްގެ ސޯފާގައި އިށީންދެގެން، އެ އެޕާޓްމެންޓާއި ގުޅޭ އެގްރީމެންޓް އޭނާގެ ކޮއްކޮއާ ހަވާލު ކުރާ މަންޒަރު ފެނިގެން ދެެއެވެ.
ކައި ބުނީ އެއީ ތިން ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ ލަގްޒަރީ އެޕާޓްމެންޓެއް ކަމަށެވެ. އަދި ކޮއްކޮއަށް ގަނެދިން އެޕާޓްމެންޓުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލު ކުރެވޭނެ ކަމަށް ބުނެފައިވަނީ އަންނަ އަހަރު ކަމަށެވެ.
އޭނާ އެޕާޓްމެންޓަށް ވަންނަ ވީޑިއޯ އާންމު ކުރި ނަމަވެސް އެއީ އަދި މަސައްކަތް ނުނިމެނޭ ޕްރޮޖެކްޓެކެވެ.
ކައި ވަނީ މީގެ ކުރިންވެސް އޭނާގެ އުފަން ދުވަސްތަކާއި ކޮއްކޮގެ އުފަންދުވަހު އާންމުން ހައިރާން ކޮށްލާފަދަ ކަންކަން ކޮށްފައި އެވެ. އެގޮތުން މީގެ ދެތިން އަހަރު ކުރިން ކައި ވަނީ އޭނާގެ ކޮއްކޮގެ އުފަން ދުވަހު ހަދިޔާއަކަށް ކާރެއް ދީފައި އެވެ.
އަދި އޭނާ ވަނީ އުފަންދުވަސް ފާހަގަ ކުރަން ދުބާ އާއި އިންޑިއާގެ ތާޖްމަހަލް ފަދަ ދުނިޔޭގައި މަޝްހޫރު ތަންތަނަށް ގޮސްފައި އެވެ. މީގެ އިތުރުން ކައިގެ އުފަންދުވަހު މާލޭ ސިނަމާލޭ ބްރިޖު ކައިރީ އަމިއްލަ ހަރަދުގައި ހަވާވެސް އެރުވި އެވެ.