ހެނދުނު ހުސްބަނޑާ ފޮނިތޮށި ފެން ބުއިން، ބަރުދަން ލުއި ކުރަން ވަރަށް ރަނގަޅު!
ބަދިގޭގައި ޢާންމުކޮށް ބޭނުންކުރާ ފޮނިތޮށީގައި ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށް ފައިދާ ކުރާ ސިފަތަކެއް ހުންނަ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މަސާލާ ޗައި, ރިހަ, ބިރިޔާނީ އަދި ފޮނި ކާތަކެތީގައި ޢާންމުކޮށް ހިމެނޭ ފޮނިތޮށްޓަކީ މީރު ރަހައެއް ގެނެސްދިނުމުގެ އިތުރުން އެންޓިއޮކްސިޑެންޓާއި ދުޅަ ތިރިކުރުމުގެ މާއްދާތައް އެކުލެވޭ ބާވަތެކެވެ. މި މާއްދާތަކުގެ ސަބަބުން ދިފާޢީ ނިޒާމު ވަރުގަދަ ވެ ޖުމްލަ ދުޅަހެޔޮކަމަށް ހެޔޮ އަސަރެއް ކޮށްފާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ނިއުޓްރިޝަން ރިސާޗް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން ފޮނިތޮށީގައި ހުންނަ ބާވަތެއްގެ ސަބަބުން ގޮހޮރުގެ ޞިއްޙަތު ދެމެހެއްޓުމަށް ފައިދާ ކުރެއެވެ. ހަޖަމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރާނަމަ ހަށިގަނޑުގައި ކާނާގެ ބައިތައް ރަނގަޅަށް ހެފެނީ ކަމަށާއި އެއީ ބަރުދަން ބެލެހެއްޓުމަށް މުހިންމު ކަމެއް ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ފޮނިތޮށި ފެނުން ލިބޭ ފައިދާތަކުގެ ތެރޭގައި ހަޖަމު ފަސޭހަ ކޮށްދިނުމާއި ކެއުމަށް ފަހު ބަނޑު ފުއްޕުމުގެ އުނދަގޫ ކުޑަކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު ހެޔޮވަރުގައި ހިފެހެއްޓުމަށް އެހީތެރިވެދީ ކުއްލިއަކަށް ބަނޑުހައިވުމާއި ލޮނު ފޮނި ކާހިތްވުން މަދު ކޮށްދީފާނެ ކަމަށް ބެލެވެއެވެ.
ފޮނިތޮށީގެ ހޫނު ލުއި ފޮނި ރަހައިގެ ސަބަބުން ހަކުރު އެޅި ބުއިންތަކާއި ލުއި ކާނާގެ ބަދަލުގައި ގުދުރަތީ ގޮތެއް ޚިޔާރު ކުރެވެއެވެ. ހަމައެހެންމެ ފޮނިތޮށީގައި ހިމެނޭ ގުދުރަތީ އެންޓިއޮކްސިޑެންޓުތައް ހަށިގަނޑުގެ ސެލްތައް ހިމާޔަތް ކޮށްދީ ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށް ބާރު އަޅައެވެ.
ފޮނިތޮށި ފެން ތައްޔާރުކުރުމަށް ދޮޅު ޖޯޑު ފެން ތެއްޔެއްގައި ކައްކާލައި ފޮނިތޮށި ފަތެއް ނުވަތަ ބައި ސައި ސަމުސާ ފޮނިތޮށި ކުނޑި އެޅުމަށް ފަހު ފަހެއް ނުވަތަ ހަތް މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށް ފަހު ތަންކޮޅެއް ހޫނުކަން ކެނޑެންދެން ބަހައްޓައި ފުރާނާލައިގެން ހެނދުނު ހުސްބަނޑާ ބޯލާށެވެ.
ބަރުދަން ލުއިކުރުމަކީ ހަމައެކަނި އެއް ބުއިމަކުން ނުވަތަ އެއް ކާއެއްޗަކުން ހާސިލުވާނެ ކަމެއް ނޫން ކަން ދަންނަން ޖެހެ އެވެ. ފޮނިތޮށި ފެނުގެ ފައިދާ އެންމެ ރަނގަޅަށް ލިބޭނީ ހަމަހަމަ ކެއުމަކާއި އެކު ގަވާއިދުން ކަސްރަތު ކުރުން އަދި ދުޅަހެޔޮ އާދަތައް ހިފެހެއްޓުމާ އެކު ބޭނުންކުރުމުން ކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.