ބޮޑު ފައިދާ އަކާއި އެކު އޮފީސް ޖާގައެއް ވިއްކާލައިގެން މަދޫރީއަށް ބޮޑު ސަމާލުކަމެއް!
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މަދޫރީ ޑިކްޝިތް މުމްބާއީގެ އަންދޭރީ ވެސްޓުގައި ހުންނަ އޮފީސް ހިންގާ އެޕާޓްމެންޓެއް 4.85 ކްރޯރު ރުޕީސްއަށް ވިއްކާލައިގެން ބޮޑު ފައިދާއެއް ހޯދައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި އޮފީސް އެޕާޓްމެންޓު މަދޫރީ 2008 ވަނަ އަހަރު ގަތީ 52.5 ލައްކަ އިންޑިއަން ރުޕީސް އަށެވެ. އެއީ 1594.24 އަކަފޫޓުގެ އެޕާޓްމެންޓެކެވެ.
އޭނާ އެ އެޕާޓްމެންޓު ވިއްކާލި އަގަށް ބަލާއިރު 18 އަހަރު ފަހުން އެ ތަނުގެ އަގު 824 ޕަސެންޓު ވަނީ އިތުރުވެފައި އެވެ. އެހެން ކަމުން މި ވިޔަފާރީގެ ޑީލުން މަދޫރީއަށް ވަރަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް އިންޑިއާ މީޑިއާގައި ދަނީ ބުނަމުންނެވެ.
މަދޫރީ އަކީ ދޭތެރެ ދޭތެރެއިން މިފަދަ މުއާމަލާތްތައް ކުރާ މީހެއް ކަމަށްވެ އެވެ. އެގޮތުން މިއަހަރުގެ މާޗް މަހު އޭނާ ވަނީ ހަމަ މުމްބާއީން 731 އަކަފޫޓުގެ އޮފީސް އެޕާޓްމެންޓެއް ކުއްޔަށް ނަގާފައި އެވެ.
އެތަނުގެ ޖުމްލަ ކުއްޔަކީ 2.81 ކްރޯޑު ރުޕީސް އެވެ. އޭގެ ތެރެއިން ފުރަތަމަ އަހަރު މަހު ކުލީގެ ގޮތުގައި 4.25 ލައްކަ ރުޕީސް ދެއްކުމަށް ފަހު ދެވަނަ އަހަރު ފަސް އިންސައްތައިގެ ބޮޑުވުމަކާ އެކު 4.46 ލައްކަ ރުޕީސް ދައްކަން ޖެހެ އެވެ.
ބޮލީވުޑްގެ ތަރިން ދިރިއުޅޭ އަގުބޮޑު ގެދޮރުގެ އިތުރުން އާމްދަނީ ލިބޭ ވިޔަފާރީ ބިންބިމާއި ޢިމާރާތްތަކަށް އިންވެސްޓް ކުރާ މިންވަރު ފަހަކަށް އައިސް ގިނަވަމުން އަންނަ ކަމަށް ރިއަލް އެސްޓޭޓް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ރިތިކް ރޯޝަން، ސައިފް ޢަލީ ޚާން އަދި ކާތިކް އާރިޔަން ފަދަ ތަރިން ވެސް ވިޔަފާރީ ޖާގަ ގަނެ ކުއްޔަށް ނެގުމުގެ މުޢާމަލާތްތައް ހިންގާފައިވެއެވެ.